މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ކުރިމަތި ލުމަށް އެދި ހޯމް މިނިސްޓްރީން ކުރި އިއުލާން ބާތިލް ކޮށްފިއެވެ. މިއިއުލާން ބާތިލް ކުރުމަށްފަހު ފަހުގެ ތާރީޚެއްގައި އަލުން އިއުލާން ކުރާނެއެވެ.

އިއުލާން ބާތިލް ކުރުމަށްފަހު އަލުން ފުރުސަތު ހުޅުވާނީ އެމްއެމްސީގެ އިންތިޚާބުގެ ކުރީން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެމްސީގެ އިންތިޚާބު ބާއްވަނީ 13 މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ ޑިސެމްބަރު 14 ގައި ހަމަވާތީއެވެ. ކައުންސިލަށް އިންތިޚާބު ކުރާ 13 މެމްބަރުންގެ ތެރޭގައި ހިމެނެނީ މީޑިއާ ތަމްސީލްކުރާ 7 މެމްބަރަކާއި އާންމު 6 މެމްބަރެކެވެ. މިޑީއާ ތަމްސީލްކުރާ މެމްބަރުންގެ ނަންތައް ހުށަހަޅާނީ މީޑިއާއިންނެވެ.

އިންތިޚާބުކުރާ، އާންމު މެމްބަރުންގެ ތެރެއިން އާންމު މެމްބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ. މި ކަންއުންސިލަށް ހޮވޭ މެމްބަރުންގެ ދައުރަކީ ދެ އަހަރެވެ. ވިދިވިދިގެން ދެ ދައުރު އެއްވެސް މެމްބަރަކަށް އަދާއެއް ނުކުރެވޭނެއވެ.