އިންޑިއާއަށް ރަސްމީ ޒިޔާރަތެއްގައި ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ޓްރެޝަރީ، ވާލީ އަޑެޔެމޯ ވަނީ މުމްބާއިގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) އަށް ޒިޔާރަތް ކުރައްވާފައެވެ. އޭނާ އެ މަރުކަޒުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އިންޑިއާއަކީ ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި އެމެރިކާއާ އެކު ލީޑަރެއްގެ ގޮތުގައި ދެމިއޮންނާނެ ގައުމެއް ކަމަށެވެ. އޭނާ ވަނީ މުމްބާއީގެ ސޮސައިޓީ ފޯ އިނޮވޭޝަން އެންޑް އެންޓްރަޕްރިނިއަރޝިޕް ސްޓާޓްއަޕް އިންކިއުބޭޓަރަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. އޭނާ ވަނީ ދަރިވަރުންނާއެކު ގިނަ އިރުތަކެއް ވަންދެން ޚިޔާލު ބަދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެން ދަރިވަރުންގެ ސުއާލުތަކަށް ޖަވާބު ދެއްވާފައެވެ.
އަދި ދަރިވަރުންގެ އާ ޚިޔާލުތަކާ މެދު ވާހަކަ ދައްކަވައި އެމެރިކާއާއި އިންޑިއާގެ ވަރުގަދަ ގުޅުންތަކުން ދެ ގައުމުގެ އިގްތިސާދީ ފުރުސަތު ފުޅާކުރުމަށް އެހީތެރިވެދޭނެ ގޮތަކާއި ދެގައުމަށް ކުރިމަތިވާ ގޮން ޖެހުންތަކާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ.
ދަރިވަރުންނާ ވާހަކަ ދައްކަވަމުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި އިންޑިއާގައި 560 މިލިއަން އިންޓަނެޓް ސަބްސްކްރައިބަރުންނާއި 1.2 ބިލިއަން މޯބައިލް ފޯނު ސަބްސްކްރައިބަރުން އެބަ ތިއްބެވެ. އަދި މިއީ ކުރިއަށް އޮތް އަހަރުތަކުގައި އިނޮވޭޝަނަށް އިތުރު ހަލުއި ކަމެއް ގެނެސްދޭނެ އިންޖީނެއް ކަމަށް އޭނާ ސިފަ ކުރެއްވިއެވެ. އަދި މެކިންޒީ އެންޑް ކޮމްޕެނީން ކުރި ދިރާސާއަކަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ އިންޑިއާ ޑިޖިޓަލައިޒް ކުރެވެމުން ދަނީ އެހެން ގައުމުތަކަށް ވުރެން މާއަވަހަށް ކަމަށެވެ.
އަޑެޔެމޯ ވިދާޅުވީ އެމެރިކާގެ ވިޔަފާރިތަކާއި ކޮންސިއުމަރުން ބަރޯސާވެފައިވަނީ އިންޑިއާގައި ތަރައްގީކޮށްފައިވާ އުފެއްދުންތަކާއި އިންޑިއާގެ އައު އީޖާދީ އުފެއްދުންތަކަށް ކަމަށެވެ. އެގޮތުން ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ އިންފޯސިސް، މައިންޑްޓްރީ، އަދި އެހެނިހެން ކުންފުނިތަކުގެ މަސައްކަތް އޭނާ ފާހަގަ ކުރެއްވިއެވެ.