އިނގިރޭސިވިލާތުން ވަރަށް ނާތަހުޒީބު އަމަލެއް ހިންގައިގެން ފަރަންސޭސިން ރުޅިގަދަ ވެއްޖެއެވެ. ފްރާންސްގެ އައްސޭރިފަށަށް އިނގިރޭސިވިލާތުން ވަނީ ސާފުނުކުރާ ފާޚާނާގެ ބޮޑުކަމުދާ ނަޖިސް ހުރި ގޮތަށް ބޭރުކޮށް ފައެވެ. ފަރަންސޭސިން ބުނީ އޭގެ ސަބަބުން އިންސާނުންނާއި މަސްމަހާ މެހީގެ ސިއްހަތާއި ކަނޑުގެ ދިރުންތަކަށް ނުރައްކާ ވާނެ ކަމަށެވެ.

އިނގިރޭސިން ބޭރުކޮށްފައިވާ ނަޖިސްތައް ވަނީ ދެ ގައުމު ދެމެދު އޮންނަ ޗެނަލް ކަނޑާއި ނޯރތު ސީއަށް ބޭރުވެފައެވެ.

އިނގިރޭސިވިލާތާއި ވޭލްސްގެ ގާތްގަނޑަކަށް 50 ސަރަހައްދެއްގައި ގޮނޑުދޮށް ތަގައްޔަރު ވެގެން އެކަމުގެ އިންޒާރު ދީފައި ވެއެވެ.

ފްރާންސްގެ ޕާލަމެންޓްގެ މެމްބަރުން ތުހުމަތު ކުރަނީ އިނގިރޭސިވިލާތުން ތިމާވެށީގެ ވައުދުތަކަށް އިހުމާލުވެ ކަނޑުގެ ދިރުންތަކާއި މަސްވެރިކަމަށް ނުރައްކާ ކުރަނީ ކަމަށެވެ.

އިނގިރޭސިވިލާތުގެ ނަރުދަމާ ކުންފުނިތަކުން ބުނެފައި ވަނީ މި މައްސަލަ ހައްލުކުރުމަށް އިންވެސްޓް ކުރަމުންދާކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އިން ވަކިވި ފަހުން އިނގިރޭސިވިލާތުން ތިމާވެށްޓާ ގުޅޭ ގޮތުން ވެފައިވާ ވައުދުތަކަށް އިހުމާލުވެފައިވާ ކަމަށް ޕާލަމެންޓް މެމްބަރުން ފޮނުވި ސިޓީއެއްގައި ޝަކުވާ ކޮށް ޔޫރަޕިއަން ކޮމިޝަނުން އިނގިރޭސިންނާ ދެކޮޅަށް ގާނޫނީ ނުވަތަ ސިޔާސީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލާފައި ވެއެވެ.