ޕާކިސްތާންގެ ޖެނެރަލުންނާއި ސިޔާސީ ބޭފުޅުން ގިނަ ފަހަރަށް އެގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހުގެ ނަންފުޅު އަމިއްލަ އެދުމަށް ނަހަމަ ގޮތުގައި ބޭނުން ކުރައްވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވިދާޅުވެއެވެ.

ޕާކިސްތާނުގެ ޖެނެރަލުން އެމީހުންގެ ބޭނުމަށް ވަރަށް ގިނަ ބަސްތައް ޕާކިސްތާންގެ ބާނީ މުޙައްމަދު ޢަލީ ޖިނާހަށް ނިސްބަތްކޮށް ބުނެފައިވާ ކަމަށާއި ގާނޫނީ ވަކީލުން އެގޮތަށް ކަންތައް ކޮށްގެން ނުވާނެކަމަށް ޖަސްޓިސް ފާއިޒު އީސާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ ޕާކިސްތާންގެ މުޖުތަމައުގައި ދީނުގެ ނަމުގައި މިހާރުވެސް ވަރަށް ގިނަ ބައިބައިވުން އެބައޮތް ކަމަށާއި އިތުރަށް ބައިބައިވުންއުފައްދައިގެން ނުވާނެ ކަމަށެވެ.

ޖަސްޓިސް ފާއިޒު އީސާ އެގޮތަށް ވިދާޅުވީ ދީނަށް ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށް ނަޞާރާ ފިރިހެނެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައެވެ.

ފަނޑިޔާރު އީސާ ވިދާޅުވީ ޖިނާހު ވަނީ ޕާކިސްތާނުގައި ހުރިހާ ދީނެއްގެ މީހުން އަޅުކަން ކުރުމަށް މިނިވަން ކަމަށް ބާރުއަޅުއްވާފައި ކަމަށެވެ.

އޭނާ އިޝާރާތް ކުރައްވަމުން ގެންދެވީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހު ގައުމުގެ މިނިވަންކަން އިއުލާން ކުރައްވަމުން ޖިނާހު ދެއްކެވި ވާހަކަފުޅަށެވެ.

ފަނޑިޔާރު އީސާއަކީ ގަދަރުވެރި ފަނޑިޔާރެކެވެ. އޭނާއާ ދެކޮޅަށް ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ތަހުގީގުތައް ކުރިއެވެ. ނަމަވެސް ވެރިކަމުން ފައިބައިވަޑައިގެން ޚާން ވަނީ ޖަސްޓިސް އީސާއަށް ތައުރީފް ކުރައްވާފައެވެ.