އެމެރިކާގެ ސެނެޓަރު މާޝާ ބްލެކްބަރން ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާއިން އިއްޔެ ވަނީ ޓައިވާންގެ ވަށައިގެންވާ ކަނޑުތަކާއި ވައިގެ ސަރަހައްދުގައި އަނެއްކާވެސް އަސްކަރީ ޑްރިލްތަކެއް ފަށާފައެވެ.
ޓައިވާން ސަރަހައްދުގެ ޑިފެންސް އޮތޯރިޓީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ހުކުރު ދުވަހު ޓައިވާން ވަށައިގެން ޗައިނާގެ ކަނޑުގެ ސިފައިންގެ އަށް އުޅަނދާއި 35 މަތިންދާބޯޓު ހަރަކާތްތެރިވާތަން ފެނިފައި ވެއެވެ.
އޭގެ ތެރެއިން 18 މަތިންދާބޯޓަކީ އެސްޔޫ-30، ޖޭ-11، ޖޭ-16، އަދި ޖޭ-10ގެ ބޯޓުތަކެވެ.
ޓައިވާނުން އަމިއްލަ ވައިގެ ދިފާއީ ލައިން ކަމަށް ބުނާ ރޮނގާ ވަރަށް ކައިރިން ބޯޓުތައް އުދުއްސާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ޗައިނާ ސިފައިން އިންތިޒާމްކުރި މި ޑްރިލްގައި ސިފައިންގެ ހުރިހައި ބައިތަކެއް ހިމެނޭ ކަމަށް އީސްޓަން ތިއޭޓަރ ކޮމާންޑުން އިއުލާން ކުރި އެވެ. ޗައިނާއިން މި ޑްރިލްތައް ފެށީ ތިން ދުވަހުގެ ދަތުރުފުޅެއްގައި ޓައިވާނަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެނެޓަރު މާޝާ ބްލެކްބަރން ޓައިވާނުގެ ރައީސް ޓްސައި އިންގް-ވެންއާ ބައްދަލުކުރައްވައި ސަރަހައްދީ ސަލާމަތާއި ސެމީކޮންޑަކްޓަރ ސަޕްލައި ޗޭން ފަދަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިތާ ގަޑިއެއްހާއިރު ފަހުންނެވެ.
އީސްޓަން ތިއޭޓަރ ކޮމާންޑުން ފާހަގަކުރި ގޮތުގައި ހަގީގީ ހަނގުރާމަވެރި ކަސްރަތަކީ ޓައިވާން ސްޓްރެއިޓްސްގެ ހާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އިންތިޒާމްކޮށްގެން ގަވާއިދުން ޗައިނާއިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނެކެވެ.
ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޓެނެސީގެ ރިޕަބްލިކަން ޕާޓީގެ މެންބަރު ބްލެކްބަރން ބުރާސްފަތި ދުވަހު ޓައިވާނަށް ވަޑައިގެންނެވުމުން އިތުރަށް މަސްރަހު ހޫނުވާނެ ކަމަށް ބެލެވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޗައިނާގެ ޓައިވާން ސަރަހައްދަށް ކުރެއްވި ދަތުރުފުޅަކީ އެއް ޗައިނާގެ އުސޫލާއި ޗައިނާއާއި އެމެރިކާގެ ތިން ޖޮއިންޓް ކޮމިއުނިކޭޝަންގެ މާއްދާތަކާ ޚިލާފަށް ކުރައްވާފައިވާ ކަމެއ ކަމަށެވެ.