ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހައިސްޕީޑް ފެރީގެ ޚިދުމަތް މުލަކަތޮޅަށް ފެށުމުގެ ކުރިންވެސް، އެއަތޮޅުގެ ފެރީގެ ޚިދުމަތަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މ.މުލީ ރައްޔިތުންނާ އެރަށުގައި އިއްޔެެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީވެސް، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުންކަމުގައެވެ.

މިބައްދަލުކުރެއްވުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ވަނީ، އެރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައްޔިތުންނާއި މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްޔިތުންނާއި އެކު ބޭއްވި މިބައްދަލުވުމުގައި، ރައްޔިތުންވެސް ވަނީ ރަށުގެ ބަނދަރު މަރާމާތު ކުރަންޖެހިފައިވުމާއި، ޤަވާއިދުން ފެރީގެ ޚިދުމަތް ލިބެމުން ނުދިޔުމާއި، އެއާޕޯޓުގެ މަސައްކަތާއި ކޯޒުވޭ އާއި ހޮސްޕިޓަލާއި އަތޮޅުތައުލީމީ މަރުކަޒުގެ ތަރައްޤީއަށް ކުރަން ބޭނުންވެފައިވާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ބަނދަރުގެ ޑިޒައިނާއި ކުރެހުން ނިންމާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މ. އަތޮޅުގެ ފަސްރަށަކަށް ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ، މ. މުއްޔަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.