އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކާރިސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ވަނީ މިކަން ހާމަކުރައްވާ މިއަދު ބަޔާނެއް ނެރުއްވާފައެވެ.
އެގޮތުން ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު އެސްޓޯނިއާ ކުރައްވާ ރަސްމީ ދަތުރުފުޅަކީ މި މަހުގެ 13 އިން 16އަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އަދި މީގެ ތެރޭގައި ޑިޖިޓަލް ދާއިރާ އާއި ސައިބަރ އަދި އީ-ގަވަނެންސް ދާއިރާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ
މި ދަތުރުގައި އެ ގައުމުގެ ރައީސާއި ކެބިނެޓުގެ ބައެއް ވަޒީރުންނާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެއެވެ. މި ދަތުރުގައި ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވާނެއެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.