މ. މުލީގައި އެންމެ ގިނަ މަޝްރޫއުތައް ހިންގަން ފަށާފައި ވަނީ މިސަރުކާރުން ކަމުގައި މުލީކައުންސިލުން ވިދާޅުވެއްޖެކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

އެ ކައުންސިލުން އެހެން ވިދަޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މ.މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަ ބައްދަލުކުރައްވައި، މުލީގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި، މުލީ ކައުންސިލުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ އަޑު އައްސަވާ އަދި ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އަދި މުލީގެ ތަރައްޤީއަށް މިސަރުކާރުން ކޮށްދެއްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މުލީގެ ބަނދަރު މަރާމާތު ކުރަންޖެހިފައި ވުމާއި، މުލީ ރީޖަނަލްހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ރަށުގެ ކައުންސިލް އިދާރާ ބައުވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެވެ. މީގެ އިތުރުން ރަށުގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވުމުން އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މުލީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރުމަތި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހެލްތު މިނިސްޓްރީން ކުރައްވަމުން ގެންދަވާނެ ކަމަށާއި އެކަމާއި ގުޅޭ ސާރވޭ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންގެންދާކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާއި ގުޅޭ ރިޕޯޓެއް ހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކްފޯހުގައި މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.