ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތުގެ އެންމެބޮޑު އެއް ބައިވެރިޔަކީ ފެނަކަ ކޯޕަރޭޝަނާއި އެ ކޯޕަރޭޝަންގެ އެމް.ޑީ. ސަޢީދާއި، ހީވާގި މުރާލި މުވައްޒަފުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިންރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެ ބޭފުޅުން "އެ ކުރައްވާ މަސައްކަތަކީ، ރާއްޖެއަށް އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީގެ ހަމަ އެންމެ ބޮޑު ބައިވެރިން. އެކަމަށްޓަކައި އެމް.ޑީ. ސަޢީދަށާއި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑާއި ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" މ. ވޭވަށު އައު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމެއް ކުރަން ބޭނުންވީމައި އެއެއްވެސް ބަހަނާއެއް ނުދައްކައި އެކަމެއް ކުރަން އުޅުމުން ވާނޭ ކަމަށެވެ. "ކަމެއް ކުރަން ބޭނުންވީމާ، އެކަމެއް ކުރެވޭނެ. މާބޮޑު ބަހަނާތަކެއް ދައްކައި، އޭގެ ފައިސާ ނެތޭ، މުވައްޒަފުން ނެތޭ، މިތައް މިތައް އުނދަގޫތައް އެބަހުއްޓޭ، އެ ދައްކަނީކީ މާހަމަޖެހޭ، ދެކޮޅުޖެހޭ ވާހަކައެއް ނޫން. އެކަން ތިޔަބޭފުޅުންނަށް ފެނަކައާއި އެމް.ޓީ.ސީ.ސީ. އިން އެދަނީ ހާމަކޮށްދެމުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަން ކުރުމަށް ބޭނުންވަނީ އަމާޒަކާ އެކީގައި ރަނގަޅު ވިސްނުމަކާ އެކީގައި ކުރިއަށްދިޔުން ކަމުގައެވެ. "އަޅުގަނޑަށް ހަމަ ޔަޤީން، ރައްޔިތުންނަށް ވެފައި މިވާ ވަޢުދުތައް، ޖަޒީރާ ތަރައްޤީގެ ވެފައިމިވާ ވަޢުދުތައް ފުރިހަމަކޮށްދިނުމުގައި، މި ދެ ކުންފުންޏާ އެކީގައި އަޅުގަނޑުމެން މިކުރާ ދަތުރުގައި ރައްޔިތުން ތިޔަ ބޭނުންވާ މަންޒިލަށް ދެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދު އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެރަށުގައި އިއްޔެ ހުޅުވި އިންޖީނުގެޔަކީ ރަށަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތަށް، ލިބޭގޮތަށް ހުޅުވުނު އިންޖީނުގެއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެތަން ޕްލޭން ކޮށްފައިވަނީ މުސްތަގުބަލުގައި 400 ކިލޯ ވޯޓުގެ ތިން ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. ކުރިއަށް އޮތް 20، 30 އަހަރާ ހިސާބަށްދާއިރުވެސް އެ ރަށުގައި ކަރަންޓްގެ ދަތިކަމެއްނެތި، ޚިދުމަތް ލިބެމުންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް. ކުރިން ފެނަކައާ ދޭތެރޭގައި ރައްޔިތުން އެ ދެކެމުން އައި ވިސްނުން މިއަދު ބަދަލުވެއްޖެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް އޭރު ކުރިން ދެމުންއައީ، އެ ރަށެއްގެ ރަށް ކުރިއަރުވާ ކޮމިޓީ، ނޫނީވިއްޔާ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަމިއްލަ މަސައްކަތުން. އެހެން ނަމަވެސް، މިއަދު ފެނަކައިގެ ޚިދުމަތް ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލައަށް ހިންގަމުންދާ އިންޖީނުގެތަކާއި، ކައުންސިލްތަކުން ހިންގަމުންދާ އިންޖީނުގެތައް އެދަނީ ހިތުން ރުހުމުން ހަވާލުކުރަމުން. މިއަދު ހަމައެކަނި ކައުންސިލަކުން ހިންގާ ރާއްޖޭގައި ހުރީ އެންމެ އިންޖީނުގެއެއް. އެއީ، އުނގޫފާރުގައި ހިންގާ އިންޖީނުގެ އެކަނި. މި އަންނަ މަހު އަޅުގަނޑު ހިތުން، ނޫނީވިއްޔާ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އުނގޫފާރުންވެސް ތައްޔާރުވަމުން އެ އަންނަނީ އެ އިންޖީނުގެ ފެނަކައާ ހަވާލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

.................................