ފަގީރު ގައުމުތަކުގައި ދަރަނި ޑިފޯލްޓް ވުމުގެ ނުރައްކާ ކުރިމަތިވަމުންދާ އިގްތިސާދުތަކަށް އެހީތެރިވުމަށް އިންޑިއާއިން ކަރަންސީ ސްވޮޕް ކުރުމުގެ އައު އުސޫލެއް ފެށުމަށް ނިންމައިފިއެވެ. އިންޑިއާއިން ހުށަހަޅަނީ ދަރަނި ދެއްކުމަށް ފައިސާ ބޭނުންވާ ގައުމުން އެގައުމުގެ މައުދަނުގެ ވަސީލަތްތަކުގެ ބަދަލުގައި ފައިސާ ބަދަލުކުރުމުގެ އާ އުސޫލެއް އަޖުމަ ބެލިދާނެ ކަމަށެވެ.
އިންޑިއާއިން ބުނާ ގޮތުގައި ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށް ފައިސާއިން ދަރަނި ނެގުމުގެ ބަދަލުގައި ސަރަހައްދު ހުރަސްކޮށް ކުރާ އެހެން ވިޔަފާރިތަކާއި ފައިސާއަށް މައުދަން ބަދަލު ކުރުމަކީ ފައިދާ ހުރި ކަމެއް ކަމުގައި ވެދާނެއެވެ. އަދި އިންޓަރެސްޓް ރޭޓަށް އަންނަ ބަދަލުތަކަށް ބަލާއިރު އެފަދަ ގޮތަކަށް ކަރަންސީ ސްވެޕް ކުރުމުގެ މުއާމަލާތު ކޮށްފިނަމަ ދަރަނި ހޯދާ ގައުމަށް އޭގެ ފައިދާ ބޮޑު ކަމަށްވެސް ދައްކައެވެ.
އިންޑިއާއިން ބޭރުން ނާދިރު މައުދަންތައް ހެޔޮ އަގެއްގައި ލިބުމަކީ އިންޑިއާގެ ސެމީކޮންޑަކްޓަރ ޗިޕް އިންޑަސްޓްރީ ބިނާކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އިންޑިއާއިން ވަނީ ސްރީލަންކާއާއެކު މިއަހަރުވެސް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގެ މުއްދަތު އިތުރުކޮށްފައެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވާ ހިނދު ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަމަށް ކަރަންސީ ސްވޮޕް ވެގެން ގޮސްފައިވަނީ ވަރަށް ފައިދާ ކުރަނިވި ފަސޭހައަކަށެވެ.
އިންޑިއާއިން ވަނީ 2018 ވަނަ އަހަރުން ފެށިގެން 23 ގައުމަކާއެކު ކަރަންސީ ސްވޮޕް ހެދުމަށް އުސޫލެއްގެ މަތިން އެއްބަސްވެފައެވެ. އަދި އިންޑިއާގެ ކެބިނެޓުން ވަނީ ސާކު ގައުމުތަކަށް ޚާއްސަ އުސޫލެއް ހަދައި 2019 ވަނަ އަހަރު އެ އުސޫލު ފާސްކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން އެކަމަށް ކަނޑައަޅާފައިވާ ދެ ބިލއަން ޑޮލަރުގެ ތެރޭން ވަގުތުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދިދާނެއެވެ. މިއީ ސާކު ގައުމުތަކަށް އޮންނަ ޚާއްސަ އުސޫލެކެވެ.
އިންޑިއާއިން ޖީ20ގެ ގައުމުތަކުގެ ރިއާސަތާ ޙަވާލުވާއިރު އެގައުމުން ދަނީ އިގްތިސާދީ މިފަދަ މައްސަލަތައް ދިރާސާކޮށް އައު ޚިޔާލުތައް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ.