ސްޓެލްކޯއިން ޚިދުމަތް ދިނުމުގައި މައިގަނޑު އަމާޒަކަށް ހަދާފައިވާނީ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކީ ޚިދުމަތް ދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެކުންފުނީ ސިޔާސަތަކީ ވެސް އެއީކަމަށާއި އެ ސިޔާސަތު އެގޮތަށް ބައްޓަންކޮށް ތަންފީޒު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުންފުނިން މިދޭ ޚިދުމަތްތަކުގައި މައިގަނޑު އަމާޒަކަށް ހަދާފައިވާނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކީގައި ކޮށްދެވޭނެ ސިޔާސަތުތައް ބައްޓަންކޮށް، އެކަން ތަންފީޒުކުރުމަށް،" ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް މިހެން ވިދާޅުވީ އއ. އަތޮޅު ގެ ރަސްދޫ، އުކުޅަސް އަދި ތޮއްޑޫމަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިމަހު 28 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ މިދިޔަ މެއިމަހު އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސްގެ ތެރެއިން އެމްޑީ ޝަރީފާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު ކޮށްދެއްވަން ނިންމަވާފައި ކަމެކެވެ. ކުރިއަށްއޮތް ތަނުގައި އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މި ޚިދުމަށް ފަށާނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ސްޓެލްކޯގެ އަމާޒަކީ މަގުބައްތިތައް ދިއްލުމަށް ދާއިމާ ހައްލެއް ހޯދައި ދިނުމެވެ. އެކުންފުންޏަކީ އިޖުތިމާއީ ކަންކަމަށް ވެސް ވަރަށް އިސްކަން ދެއްވާ ކުންފުންޏެކެވެ.