ކެންސަރުބަލީގެ މީހުންނަށް ފަރުވާދިނުމަށް ޚާއްސަ ވޯޑެއް ގާއިމްކުރުމަށް 3.5 މިލިއަން ރުފިޔާ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އަށް ހަދިޔާ ކުރުމުގެ އެއްބަސްވުމެއްގައި ބޭންކު އޮފް މޯލްޑިވްސްއާއި އައިޖީއެމްއެޗުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރ އާއިޝަތު ނޫރައްދީނެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ބަންދު އިބްރާހީމް ސަލީމެވެ.

މިއީ ދިވެހި ބޭންކަށް 40 އަހަރު ފުރޭތީ ކުރަން ނިންމާފައިވާ، މުޖުތަމައަށް ފައިދާހުރި 12 ކަމެއްގެ ތެރޭގައި ހިމަނައިގެން ކުރާކަމެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެފައިވެއެވެ. ބޭންކަށް އަހަރު ފުރޭނީ އަންނަ ނޮވެމްބަރުގައެވެ.

ދިވެހި ބޭންކުން ވިދާޅުވެފައިވަނީ އެ ވޯޑު މެދުވެރިކޮށް ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ޚިދުމަތްތަކެއް ލިބިގެންދާނޭ ކަމަށެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވަނީ ބީއެމްއެލްއިން މިފަދަ އެހީއެއް ދެއްވާތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ. އެހީގެ ސަބަބުން އައިޖީއެމްއެޗުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.