އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭރުވުމަކީ، އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ކަޝްމީރަށް ވަނުމަށް ލިބޭ ފުރުތަސެއްކަމަށް ބެލެވެއެވެ. ޖާސޫސީ ފަރާތްތަކުން މަޢްލޫމާތު ދޭ ގޮތުގައި، މުޒައްފަރްއާބާދުގައި އޮޕަރޭޓް ކުރާ ލަޝްކަރޭ ތޮއްޔިބާއިން ދަނީ އިންޑިއާ ޕާކިސްތާންގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް، ނީލަމް ވާދީއަށް ހަނގުރާމަވެރިން ޖަމާކުރަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހިޒްބުލް މުޖާހިދީން ޖަމާއަތުން ދަނީ ޚައިބަރު ޕަޚްތޫންޚުވާގައި 400 ހަނގުރާމަ ވެރިން ތަމްރީން ކުރަމުންނެވެ. މިކަމަށް ޖަންގަލީގައި އައު ފެސިލިޓީއެއް ހަދާފައިވާ ކަމަށް ބުނެފައި ވެއެވެ.
މިކަމުގައި ފާހަގަ ކުރެވޭ ކަމަކީ، ޖެއިޝްގެ އޮޕަރޭޝަނަލް ކޮމާންޑަރ މުފްތީ ރައޫފް އަސްޣަރް ވަނީ ދާދިފަހުން ކަޝްމީރުގައި ހުއްޓުވާފައިވާ ހަމަލާއަށް އިޝާރާތް ކޮށް، ކަޝްމީރަށް ވަނުމުގައި އުދަގޫތަކާ ކުރިމަތިވާކަމަށް ބުނެފައެވެ.
އިންޑިއާ ސިފައިން ބުނާ ގޮތުގައި ނަގޯރްޓާ އަށް 19 ނޮވެމްބަރުގައި ދީފައިވާ ހަމަލާގައި ބައެއް މުވާސަލާތީ ސާމާނުތައް ވަނީ ހޯދައި ގަނެވިފައެވެ. މިއިން އެނގުނުގޮތުގައި އަވަށްޓެރި ގައުމެއްގެ އަނދިރި ދައުލަތުގެ އަތެއް މިކަމުގައިވާކަން ހާމަވާކަމަށްވެސް އިންޑިއާއިން ބުނެއެވެ.
ޖައްމޫ ކަޝްމީރުގެ ނަގްރޯޓާގައި ދީފައިވާ ހަމަލާއެއްގައި ޕާކިސްތާންގެ އަތެއް ވާކަމަށް ތުހުމަތުކޮށް، އެކަމުގެ ހެކިތައް އިންޑިއާއިން ބޭރު ގައުމުތަކުގެ މިޝަންތަކާ އިންޑިއާއިން ވަނީ ހިއްސާކޮށްފައެވެ.
އިންޑިއާއިން ހިއްސާކޮށްފައިވާ ފައިލްގައި މި ހަމަލާ ދިނުމުގައި އުޅުނު މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުންކަމަށާއި އެމީހުންގެ އަތުން ހޯދައިގެންފައިވާ ހަތިޔާރާއި ވަޒަންތަކުގެ މަޢްލޫމާތާއި ފޮޓޯވެސް ހިމަނާފައި ވެއެވެ.
މި މަޢްލޫމާތުގައި މިމީހުން އިންޑިއާއަށް ވަދެފައިވަނީ ސަރަހައްދު ހުރަސްކޮށް ބިންގަރާހަކުން ކަމަށް ވެސް ބުނެފައެވެ.
އިންޑިއާއިން ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް 200 ޓެރަރިސްޓް ހާދިސާ ހިނގާފައިވާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން 199 ހަމަލާ ހުއްޓުވާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާގެ މަސްއޫލުވެރިން ވިދަޅުވާ ގޮތުގައި ނޮވެމްބަރު 19ގައި ދީފައިވާ ހަމަލައަކީ 2019 ފެބްރުއަރީގެ ޕުލްވާމާއަށް ދިން ހަމަލާއަށްފަހު ދިނުމަށް ރާވާފައިވާ ބޮޑު ހަމަލާއެކެވެ. އަދި މިއީ މުމްބާއީ ގައި ނޮވެމްބަރު 26 ގައި ދީފައިވާ ހަމަލާއަށް އަހަރު ފުރުމާ ދިމާކޮށް ކަޝްމީރުގައި ހިނގަމުން ދިޔަ ކައުންސިލްގެ އިންތިޚާބަށް ހުރަސްއެޅުމަށް ދީފައިވާ ހަމަލާއެކެވެ.
މިއީ ފުރަތަމަ ފަހަރަށް ބޭރުގެ މިޝަންތަކަށް މިގޮތަށް އިންޑިއާއިން މަޢްލޫމާތު ދިން ފުރަތަމަ ފަހަރެވެ. މި މަޢްލޫމާތު ދެއްވާފައި ވަނީ ފޮރިން ސެކެޓްރީ ހަރްޝްވަރްދަންއެވެ.