އިންޑިއާގެ އަދާނީ ގްރޫޕުން ބުރާސްފަތި ދުވަހު ވަނީ މަހާސާދާގަރު ގައުތަމް އަދާނީއަށް އެމެރިކާއިން ތުހުމަތުކޮށްފައިވާ 250 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ރިޝްވަތު ދިން ކަމަށް ބުނާ ދައުވާއަކީ "އަސާސެއް ނެތް" ވާހަކައެއް ކަމަށް ބުނެފަ އެވެ.
އެމެރިކާއާއި އެމެރިކާގެ ބަދަހި ގުޅުމުގެ ވާހަކަ ދައްކާއިރު، އޭޝިއާގެ އެންމެ މުއްސަނދި މީހާ އަދި އިންޑިއާގެ މަހާސާދާގަރު ހައްޔަރު ކުރުމަށް ވާހަކަ ދައްކައި މީޑިއާ ކެމްޕޭނެއް ހިންގާލަނީ، އެމެރިކާގެ އަޑީދައުލަތުން ކަމަށް ލަފާކޮށްފައި ވެއެވެ.
މި މަސައްކަތުގެ މަގްސަދަކީ، އިންޑިއާއާއި އިންޑިއާގެ ވިޔަފާރި ވެރިންގެ ނަން ހުތުރުކޮށްލައި އެމެރިކާގެ ސާދާގަރުންނަށް ވުރެން ބާރަށް ކުރިއަރައިގެން ނުދިއުމަށް ހުރަސްތައް ކުރިމަތި ކުރުންކަމަށްވެސް އިންޑިއާގެ މީޑިއާއިން ލަފާ ކުރެއެވެ.
އެމެރިކާއިން އަމިއްލަ ގައުމުގެ ބޮޑު ކުންފުންޏަކާ މެދު ދުވަހަކުވެސް މިފަދަ ކެމްޕޭނެއް ނުހިންގާއިރު އެމެރިކާގެ ސަރުކާރު ފެންވަރުގައި ބޭރުގެ ކުންފުނިތަކާ މެދު މިފަދަ ކެމްޕޭންތައް ހިންގުމަކީ އާންމު ކަމެކެވެ. މީގެ ހެއްކަކީ ޗައިނާގެ ޓިކްޓޮކްއާ މެދު އެމެރިކާއިން ހިންގާފައިވާ ކެމްޕޭނެއެވެ.
ނިއުޔޯކުގެ ކޯޓަކަށް ހުށަހަޅާފައިވާ ދައުވާގައި އަދާނީއާއި ކުންފުނީގެ އިސްފަރާތްތަކަށް ތުހުމަތުކޮށްފައި ވަނީ ގަސްތުގައި ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އޮޅުވާލި ކަމަށެވެ.
އެމެރިކާއިން ހިންގާފައިވާ ކެމްޕޭނާ ގުޅިގެން އަދާނީ ކުންފުނީގެ ހިއްސާ މުމްބާއީ ހިއްސާގެ ބާޒާރުގައި 23 ޕަސެންޓަށް ވުރެ ދަށަށް ފޭބިއެވެ.
"އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އާއި އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން އަދާނީ ގްރީންގެ ޑިރެކްޓަރުންނާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ އަސާސެއް ނެތް އަދި ކުންފުނިން ދޮގު ކުރާ ތުހުމަތުތަކެއް،" އަދާނީ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ. އެމެރިކާގެ މި ފިޔަވަޅާ ދެކޮޅަށް "ގާނޫނީ ގޮތުން ބޭނުން ކުރެވެން އޮތް ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
އަދާނީގެ ހަތުރު، ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ މަހާސާދާގަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ޑިމާންޑް ކުރަނީ އަދާނީ ވަގުތުން ހައްޔަރު ކުރުމަށް. އެކަމަކު އަޅުގަނޑުމެންނަށް އެނގޭ އެކަން ނުވާނެކަން. މޯދީ އޭނާ ހިމާޔަތް ކުރައްވަމުން ގެންދަވނެކަން" ނިއުދިއްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާންދީ ވިދާޅުވި އެވެ. "މޯދީ ބޭނުންފުޅު ވިޔަސް ފިޔަވަޅެއް ނޭޅޭނެ. ސަބަބަކީ އޭނާ ކޮންޓްރޯލް ކުރަނީ އަދާނީ" ކަމަށެވެ.
ބުދަ ދުވަހުގެ ދައުވާގައި އެމެރިކާގެ ޕްރޮސެކިއުޓަރު ތުހުމަތުކޮށްފައި ވަނީ އަދާނީ އާއި އެކުންފުނީގެ ޑިރެކްޓަރުން އިންޑިއާގެ އޮފިޝަލުންނަށް ރިޝްވަތުގެ ގޮތުގައި 250 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދީފައިވާ ކަމަށެވެ.
ސޯލާ ބެއްޓުމާ ބެހޭ މި ޑީލްތަކަށް ޓެކްސް ދެއްކުމަށްފަހުވެސް ގާތްގަނޑަކަށް 20 އަހަރު ދުވަހުގެ ތެރޭގައި ދެ ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ފައިދާއެއް އެކުންފުންޏަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މި މައްސަލައިގައި އެއްވެސް މީހަކު އަދި ބަންދުގައި ބަހައްޓާފައެއް ނެތެވެ.