ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޝެންޒެންގެ ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް މާކެޓް ބަންދުކޮށްފިއެވެ. އަދި ކައިރި ހިސާބުގެ އާންމު ދަތުރުފަތުރުތައްވެސް މެދުކަނޑާލައިފައި ވަނީ ކޮވިޑް ކޭސްތައް ގިނަ ވުމާ ގުޅިގެންނެވެ.
ކޮމްޕިއުޓަރ ކޮމްޕޯނެންޓްތަކާއި މޯބައިލް ފޯނުގެ ބައިތަކާއި މައިކްރޯޗިޕް ވިއްކާ އެތައް ހާސް ސްޓޯލްތަކެއް ހުންނަ ކާރޫބާރޫ ބޮޑު ޝޮޕިން އޭރިއާއެއް ކަމަށްވާ ހޫއާކިއަންބޭއީ އަކީ ފޫޓިއަން ޑިސްޓްރިކްޓްގައި ބަންދުކޮށް އަޅާފައިވާ ހަރުކަށި ހަތަރު ދުވަހުގެ ލޮކްޑައުންގައި ހިމެނޭ ތިން އަވަށުން އެއް އަވަށެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަދަން ޖެހޭ ކޯވިޑް ޓެސްޓު ފިޔަވައި އެ އަވަށްތަކުގައި ދިރިއުޅޭ މީހުން ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވެ އެވެ.
ސުޕަމާކެޓާއި ބޭސްފިހާރަތަކާއި ހޮސްޕިޓަލްތައް ފިޔަވައި ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކޮށްފައިވާ ސަރަހައްދުތަކުގެ ހުރިހާ ވިޔަފާރިއެއް ހުޅުވުންވެސް ވަނީ މަނާކޮށްފައެވެ. ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއުން ވެސް މެދުކަނޑާލާފައި ވެއެވެ. ހުއްދަ ކޮށްފައިވަނީ ހަމައެކަނި ޓޭކްއަވޭގެ ޚިދުމަތަށެވެ.
ޗައިނާއަކީ ދުނިޔޭގައި އަދިވެސް ޒީރޯ ކޮވިޑްގެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރަމުންދާ ގައުމެކެވެ.
18 މިލިއަން މީހުން ދިރިއުޅޭ ބައިނަލްއަގްވާމީ ޓެކްނޮލޮޖީގެ މަރުކަޒެއް ކަމަށްވާ ޝެންޒެންގައި ވައިރަސް ޖެހިފައިވަނީ އެންމެ 35 މީހުންނަށެވެ.
ޗައިނާއިން ގެންގުޅޭ ހަރުކަށި އުސޫލކުތަކުގެ ސަބަބުން މުޅި ޝެންޒެންގެ ދިހަވަރަކަށް އަވަށެއް ވަނީ ހައި ރިސްކް އޭރިއާތަކެއްގެ ގޮތުގައި ކަނޑައަޅައި ލޮކްޑައުންއަށް ލައިފައެވެ.
ސޯޝަލް މީޑިއާގައި ރައްޔިތުން ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި ދިރިއުޅޭ އިމާރާތްތަކުގެ ބޭރުގައި ދަނގަނޑު ހުރަސްތައް ބަހައްޓާފައި ވެއެވެ.
އަދި މުނިފޫހިފިލުވުމުގެ ހުރިހާ ތަންތަނާއި އާންމު ޕާކްތައް ބަންދުކޮށް، ކޮންފަރެންސްތަކާއި ޕާފޯމަންސްތަކުން ފެށިގެން އާންމު މައިދާންތަކަށް އެއްވުންވެސް މަނާކޮށްފައި ވެއެވެ.
އަދި ޝެންޒެންގެ 24 ސަބްވޭ ސްޓޭޝަނާއި އެތައް ސަތޭކަ ބަސް ސްޓޭޝަނެއްގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝެންޒެންގެ އޮފިޝަލުން ބުނީ މި ބަލި ފެތުރެނީ މައިގަނޑު ގޮތެއްގައި އާ ސަބްވެރިއަންޓް އޮމިކްރޮން ބީއެފް.15 އިން ކަމަށާއި އެއީ މާބޮޑަށް ފެތުރޭ އަދި ދެނެގަންނަން އުނދަގޫ ވައްތަރެއް ކަމަށެވެ.