އިންޑިއާއަކީ މިހާރު ބަލިކަށި ގައުމެއް ނޫން ކަމަށާއި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ވަރުގަދައަށް އަދި ރަނގަޅަށް އިންޑިއާ ތައްޔާރުވެފައިވާކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ވިދާޅުވެއެވެ.

އުދެއިޕޫރުގައި ވާހަކަ ދައްކަވަނުން ސިންގ ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ލީޑާޝިޕްގައި އިންޑިއާ އޮތީ ނުރައްކަލާ ކުރިމަތިލާން ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި އިންޑިއާ އަކީ އަމިއްލަ ނަފްސަށް ބަރޯސާވާ ގައުމެއް ކަމަށެވެ.

ޓެރަރިސްޓް ޙަމަލާތަކާ ދެކޮޅަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް ވިދާޅވަނުން ރާޖުނާތު ސިންގ ވިދާޅުވީ އެކަން ބާލާކޯޓް ހަމަލާތަކުން ހާމަވެފައިވާނެ ކަމަށެވެ.

އަމިއްލަ ނަފްސަށް ބަރޯސާވެފައިވާ މިހާރުގެ ނިއު އިންޑިއާ ދަނީ ބާރުގަދަ ގައުމުތަކާ ކޮނޑާއި ކޮނޑާ ޖައްސައިގެން ކަމަށް ޑިފެންސް މިނިސްޓަރު ކަށަވަރުކޮށްދެއްވިއެވެ.

ދިފައީ ދާއިރާއިން އިންޑިއާ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތްތައް ތަފްސީލުކޮށް ދެއްވަމުން އޭނާ ވިދާޅުވީ މޭކް އިން އިންޑިއާ، މޭކް ފޯ ދަ ވޯލްޑް ޝިއާރުގެ ދަށުން ބޭރުގެ ކުންފުނިތަކަށް އިންޑިއާގައި އަސްކަރީ އުފެއްދުންތައް އުފެއްދުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށެވެ.

އަދި އިންޑިއާއިން މަސައްކަތް ކުރަނޫ ހަމައެކަނި އަމިއްލަ އަސްކަރީ ބޭނުންތައް ފުއްދައިދިނުމަށް އެކަނި ނޫން ކަމަށާއި، އެހެން ގައުމުތަކަށް ބޭނުންވާ އަސްކަރީ ޝަރުތުތައް ވެސް އިންޑިއާއިން ފުރިހަމަ ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާ މިހާރު ފެންނަމުންދާކަމަށް ވިދާޅުވަމުން ސިންގ ވިދާޅުވީ މީގެ އަށް އަހަރު ކުރިން ގާތްގަނޑަކަށް 900 ކްރޯޑް ރުޕީސްގެ އަގުހުރި ޑިފެންސް އެކްސްޕޯޓް މިހާރު ވަނީ ގާތްގަނޑަކަށް 13،000 ކްރޯޑް ރުޕީސްއަށް އިތުރުވެފައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ 2047 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ޑިފެންސް އެކްސްޕޯޓް 2.75 ލައްކަ ކްރޯޑް ރުޕީސް އަށް އިތުރު ކުރުމުގެ އަމާޒެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މަގުސަދު ހާސިލް ކުރުމަށް އިންޑިއާ އޮތީ ރަނގަޅުމިސްރާބެއްގައި ކަމަށް ވިދާޅުވިއެވެ.

ސިންގް ވިދާޅުވީ އިންޑިއާއިން ސަލާމަތައި ރައްކާތެރިކަން ކަށަވަރުކޮށްދެނީ ހަމައެކަނި އިންޑިއާގެ އެތެރޭގައި އުޅޭ މީހުންނަށް އެކަނި ނޫން ކަމަށާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ދިރިއުޅެމުންދާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދަމުންވެސް ގެންދާ ކަމަށެވެ.

ޔޫކްރޭނުން އިންޑިއާގެ ރައްޔިތުން ރައްކާތެރިކަމާއެކު އެނބުރި ގެނައުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމުގެ ހެކިކަން އޭނާ ވިދާޅުވިއެވެ.