ފެންބޮޑުވެ ހާލުގައި ޖެހިފައިވާ އާބާދީއަށް އެހީ ހޯދަމުންދާ ޕާކިސްތާނުން އިންޑިއާއިން ކޮންމެހެން ބޭނުންވާ އުފެއްދުންތައް ހޯދުމަށް ރާވާފައިވާ ޕްލޭނެއް އޮތް ކަމަށް ބުނެއެވެ. ނަމަވެސް އިންޑިއާއިން އިސްލާމްއާބާދުން އެތެރެކުރާ މުދަލުން ނަގާ 200 ޕަސެންޓް ޑިއުޓީ އަވަހަކަށް އުވާލާނެ ކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް ބަދަލުގައި ނިއުދިއްލީ އިން އިސްލާމްއާބާދަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ކަމާ ގުޅުން ހުރި މައުލޫމާތު އެނގޭ ފަރާތަކުން މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.

އަދި އެފަރާތުން ކިޔައި ދިން ގޮތުގައި ޕާކިސްތާނާއެކު އާންމު ވިޔަފާރި އަލުން ހުޅުވާލުމާ ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު މިފްތާހު އިސްމާއީލް ވިދާޅުވީ މުޅި އެގައުމުގައި ފެންބޮޑުވުމުގެ ސަބަބުން ދަނޑުވެރިކަމުގެ ބާވަތްތަކަށް ގެއްލުން ލިބުމުން ރައްޔިތުންނށް އެހީތެރިވުމަށް އިންޑިއާއިން ތަރުކާރީ އާއި އެހެނިހެން ކާނާގެ ބާވަތްތައް އެތެރެ ކުރުމަށް ވިސްނާ ކަމަށެވެ.

އޭގެ އެއް ދުވަސްފަހުން ޕާކިސްތާންގެ ފޮރިން މިނިސްޓަރު ބިލާވާލް ބުއްޓޫ ޒަރުދާރީ ވިދާޅުވީ އިސްލާމްއާބާދުން އިންޑިއާއިން ތަކެތި އެތެރެ ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި އިސްލާމްއާބާދުން މިހާރު ސަމާލުކަން ދެނީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ރިލީފް އޮޕަރޭޝަންތަކަށް ކަމަށެވެ.

ޕާކިސްތާނަށް ވިޔަފާރީގައި ޚާއްސަ އިމްތިޔާޒުތަކެއް ދިނުމަށްފަހު އަލުން އިންޑިއާއިން އިމްޕޯޓް ޑިއުޓީ ނަގަން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަޝްމީރުގެ ޕުލްވާމާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ޕާކިސްތާނުން ވަނީ ޖައްމޫ ކަޝްމީރަށް ޔޫނިއަން ޓެރިޓްރީގެ ދަރަޖަ ދިނުމުން އިންޑިއާއާއެކު ވިޔަފާރި މުއާމަލާތް ހުއްޓާލާފައެވެ.

އެއަށްފަހު ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ޕާކިސްތާނުން ވަނީ ބައެއް ފިޔަވަޅުތައް ލުއިކޮށް އިންޑިއާއިން ބައެއް ބޭހާއި ކެމިކަލް އުފެއްދުންތައް ހޯދާފައެވެ.