"ގާނޫނާ ޚިލާފްވާ މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައަށް އައުމަށް ހުރި ފުރުސަތާއި ގުޅޭ ހާލަތު ދެނެގަތުމުގެ ސަރވޭ 2022 ރިޕޯޓް" އާއި "ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނައަޅައި ދިއުން ހިނގާ ގޮތް ދެނެގަތުމުގެ ދިރާސާ ރިޕޯޓް" ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ނެރެދެއްވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ 2 ދިރާސާއެކެވެ. ދިރާސާތައް ކޮށްފައިވަނީ ޔޫ.އެސް އެއިޑްގެ އެހީތެރިކަމާއެކުގައި ކަމަށް ހޯމްމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިޕޯޓުތައް ނެރެދެއްވުމަށްފަހު މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދު ލޯންޗުކުރެވުނު 2 ދިރާސާގެ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށެވެ. މިއީ މީގެ 2 އަހަރު ކުރިން ފެށި މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މަސައްކަތް ފެއްޓެވިއިރު އެކަމުގެ ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ފަދަ މަސައްކަތް ފެއްޓެވީ ރާއްޖޭގައި މިފަދަ ކަމެއް ކުރުމަށްޓަކައި ކުރިމަތިވާނެ ދަތިތަކާއި އުނދަގޫތައް ވަރަށް ބޮޑަށް އިހުސާސް ކުރައްވާ ހާލުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ކަންކަން ޙައްލު ކުރުމުގެ މަސައްކަތާ ކުރިމަތި ލައްވަނީ ކުރިމަތި ވެދާނެ ގޮންޖެހުންތައް ދެނެވަޑައިގަންނަވާ ހާލު، ރާއްޖޭގެ އޮތް ހަގީގަތާ ކުރިމަތިލައިގެން މެނުވީ ރާއްޖެ ހަމަޖެހޭ އަމާން ތަނަކަށް ނުވާނެކަން ޔަގީންވާތީ ކަމަށް ވެސް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

"މި މަސައްކަތުގައި ވަރަށް ކެރިގެން، ވަރަށް ސާބިތުކަމާއެކު، ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ އަޅުގަނޑުމެންގެ މި މުޖުތަމައަކީ އަމާން ރައްކާތެރި ތަނަކަށް ނެހެދޭނެ. އަޅުގަނޑުމެން އެންމެންނަށް އަމާންކަން ލިބޭނީ އެކުގައި މަސައްކަތް ކޮށްގެން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް މި ގެންދިޔަ ދިރާސާއަކީ ވަރަށް މުހިންމު 2 ދިރާސާ ކަމަށާއި މި ދިރާސާގެ އަލީގައި ދިވެހި މުޖުތަމައުގައި ހިމެނޭ އިޖުތިމާއި މައްސަލަތަކާއި ކުށަށް އަރައިގަންނަ ޒުވާނުންނާ ގުޅޭ ތަފްސީލީ މައުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ. ރައްކާތެރި އަމާން މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ފިޔަވަޅު އަޅަންވީ ދާއިރާތައް ދެނެގަނެވިފައިވާކަން މިނިސްޓަރގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ގައިދީން، ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުން މަދު ކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަކީ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކުށް މަދު ރައްކާތެރި އަމާން މުޖުތަމައެއް ބިނާ ކުރުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ.