މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު 18:00އިން މިރޭ ދަންވަރު 1:00ށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.

ދާދި ދެންމެ އަކު މޫސުމާ ބެހޭ އިދާރާއިން ބުނީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. އަސި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

މީގެ ކުރިންވެސް މޫސުމާބެހޭ އިދާރާއިން އަންގާފައިވަނީ މިހަފުތާގައި މޫސުން ގޯސް ވާނެ ކަމަށެވެ.

އަދި ފުލުހުންގެ އިދާރާއިންވެސް މިއަދު އުތުރަށް ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށް އަންގާފައި ވެއެވެ. އެއީ ކ. ގާފަރު ފަރުގެ އުތުރުން ދަތުރު ކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާދާތީއެވެ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސް، މި ދުވަސްވަރު ކަނޑު ދަތުރުކުރާ ފަރާތްތައް އިތުރަށް ސަމާލުވުމަށް ފުލުހުންގެ އިދާރާއިންވެސް އަންގައެވެ.