ވެރިކަމަށް ހޮވައިދީފިނަމަ ރައްޔިތުންނަށް އުފާ ފާގަތިކަން މަތީގައި ތިބެވޭނޭ ވަރުގެ އަމާން ވެއްޓެއް ރާއްޖޭގައި ގާއިމްކޮށްދެއްވާނޭ ކަމަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިޢުލާން ކުރައްވާފައިވާ ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެމަނިކުފާނަކީ "މަސް ބޭނުމާއި ފެތުމާއި މިފަދަ ކަންކަން" ކުރައްވާ ބޭފުޅެއް ކަމަށެވެ. އެފަދަ ކަންކަމުން އުފާލިބިވަޑައިގަންނަވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ކޮރަޕްޝަނާއި، މާރާމާރީއާއި ޑްރަގާއި ވައްކަމާއި މިފަދަ ހުރިހާ ކަމެއް ހުއްޓުވައި ރައްޔިތުންނަށްޓަކައި އަމާން މާހައުލެއް ކަށަވަރު ކޮށްދެއްވުމަށް ކަމަށް ވެސް ދާޅުވިއެވެ. "އިގްތިސާދީ، އިމްރާނީ އިޖުތިމާއީ ތަރައްގީއަށް ހަމަޖެހިލައިގެން ރައްޔިތުންނަށް ވެސް މަސައްކަތް ކުރެވޭނީ އަމާން ވެއްޓެއް ލިބިގެން. އެހެންވީމާ އަޅުގަނޑު މަސައްކަތް ކުރާނީ އަމާން މާހައުލެއްގެ ތެރެއިން ރައްޔިތުންނަށް ލަބަޔާއި މަންފާ ހޯދައި ދިނުމަށް،" އުމަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ދާއިރާއަށް ނިކުންނެވީ ވެސް ޑްރަގާއި ވައްކަމާއި މާރާމާރީ ހުއްޓުވުމުގެ ބޭނުގައި ކަމަށެވެ.

"އަޅުގަނޑު ފުލުސް އޮފީހުގައި އުޅުނު ދުވަސްވަރު ވެސް ވަރަށް މަސައްކަތްކުރިން މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރަން. އެހެންނަސް އޭރު އެކަމެއްނުވި. އެހެންވެ ސިޔާސީ ދާއިރާއަށް ނުކުތީ،" އުމަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ އެއްގޮތަކަށް ވެސް އަމިއްލަ އެދުމެއް އޮވެގެންނޫންކަމަށެވެ. "އަމިއްލަ ނަފުސަށް ބޭނުންވާ ހުރިހާ ރަނގަޅު ކަންކަމެއް ރައްޔިތުންނަށް ކޮށްދޭން ބޭނުން. އެކަން ކުރާނީ އިސްލާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް،" އުމަރު ވިދާޅުވިއެވެ.