ޗައިނާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ ގޮތުން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރ މިޝޭލް ބެކްލެޓްގެ އޮފީހުން ތައްޔާރު ކުރި ޚާއްސަ ރިޕޯޓް ޝާއިއުކޮށްފިއެވެ.
ޗައިނާގެ ތުރުކިސްތާން ނުވަތަ ޝިންޖިއާނަށް ދަތުރުކޮށް ހާލަތު ބެލުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގައި އިންސާނީ ހައްގުތަކާ ބެހޭ އދގެ ކޮމިޝަނަރގެ އޮފީހުން ބުނީ މުސްލިމު އުއިގޫރު މީހުންނާއި އެހެން ދަރިކޮޅުގެ މީހުން ބަންދުކޮށްގެން އެމީހުންގެ މިނިވަންކަން ހަނިކޮށް އަސާސީ ހައްޤުތަކުން މަހުރޫމްކުރުމުގެ އަމަލުތަކަކީ އިންސާނީ ހައްގާ ދެކޮޅަށް ހިންގާ ބައިނަލްއަގްވާމީ ޖަރީމާތަކެއް ކަމުގައި ބެލެވިދާނެ ކަމަށެވެ. މި ރިޕޯޓް އެކުލަވާ ލުމުގައި ޚާއްޞަ ސަމާލުކަމެއް ދީފައި ވަނީ ޗައިނާގެ ސަރުކާރުގެ ޤާނޫނުތަކާއި ސިޔާސަތުތަކާއި ޑޭޓާއާއި ބަޔާންތަކުގެ މައްޗަށެވެ. އަދި ރިޕޯޓް އެކުލަވާލުމުގެ މުޅި މަސައްކަތުގައިވެސް ހިއުމަން ރައިޓްސް ކޮމިޝަނަރ އޮފީހުން މައުލޫމާތު ހޯދުމަށް އެދި ޗައިނާއާ މަޝްވަރާކޮށްފައިވާނެ ކަމަށާއި އަދި ޗައިނާގެ ފަންނީ އެހީތެރިކަން ހޯދާފައިވާނެ ކަމުގައި ބުނެފައި ވެއެވެ.
މިޝޭލް ބެކްލެޓްގެ ރިޕޯޓް ޝާއިއުކޮށްފައިވަނީ އޭނާގެ ހަތަރު އަހަރުގެ ދައުރުގެ ނިމުމުގެ އެންމެ ފަހު ދުވަހުގެ ފަހު ސާއަތުގައެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ޗައިނާ ސަރުކާރުން މުސްލިމު އުއިގޫރު މައިނޯރިޓީގެ ތެރެއިން ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރެވޭ މީހުން ވޮކޭޝަނަލް އެޑިއުކޭޝަނަލް އެންޑް ޓްރޭނިންގ ސެންޓަރސް ގެ ނަމުން ހަދާފައިވާ އިސްލާހިއްޔާތަކަށް ލައި ބަންދުކޮށްގެން ގެން ގުޅޭ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަރ އޮފީސް (އޯއެޗްސީއެޗްއާރު) އިން ބުނީ ޝިންޖިއާންގްގައި ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ފުޅާ ދާއިރާއެއްގައި އިންސާނީ ހައްގުތަކައް ހަނިކޮށް ހަރުކަށި އަދި ނާޖާއިޒު ހުރަސްތަކެއް މީހުންގެ މައްޗަށް މަޖުބުރު ކުރުމުގެ އުސޫލުތައް ގެން ގުޅެފައިވާ ކަމަށް ފެންނާން ހުރި ކަމަށެވެ.
ޗައިނާ ބުނާ ގޮތުން މިހާރު ޝިންޖިއާންގައި އިސްލާހިއްޔާ ނިޒާމު ކުޑަކޮށްފައިވާނެއެވެ. އެހެންނަމަވެސް، އޯއެޗްސީއެޗްއާރުން ބުނި ގޮތުގައި އިސްލާހިއްޔާ ނިޒާމު ދެމެހެއްޓުމަށް ބާރުއަޅާ ގާނޫނުތަކާއި ސިޔާސަތުތައް ޝިންޖިއާންގައި ގާއިމްކޮށްފައި އެބަހުއްޓެވެ. އަދި މީހުން ޖަލަށްލުމުގެ ހަރަކާތްތައް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.
އޯއެޗްސީއެޗްއާރު އިން ބުނީ،2017 ވަނަ އަހަރުން ފެށިގެން މީހުން ބަންދު ކުރުމުގެ ނިޒާމުތައް ގެންގުޅެފައިވާ ކަމަށާއި އަދި އަނިޔާކުރުމުގެ އުސޫލުތަކެއް ކަނޑައަޅައި މުސްލިމު އުއިގޫރު މީހުންނާއި އެހެނިހެން ބައިމަދު ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ނިޒާމީ ގޮތެއްގައި ފުޅާ ދާއިރާއެއްގައި ތަފާތު ކުރުމުގެ ސިޔާސަތެއް ގެންގުޅެފައިވާ ކަމަށެވެ.
ޝިންޖިއާންގައި ޗައިނާއިން ހިންގާފައިވާ އަމަލުތަކަކީ ބައނަލްއަގްވާމީ ގާނޫނާ ޚިލާފް ގިންތީގައި ހިމެނޭ ކަންކަން ކަމަށް ސިފަކުރަމުން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށާއި މީހުންގެ ދީނީ މިނިވަންކަމާއި ޒާތީ މިނިވަންކަން، ޕްރައިވެސީ އާއި ދަތުރުފަތުރުގެ ހައްގުތަކުން މަހުރޫމުކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން އިރުމަތީ ތުރުކިސްތާން ނުވަތަ ޝިންޖިއާންގައި ޗައިނާ ސަރުކާރުގެ ސިޔާސަތުތައސް ސަރަހައްދުތައް ފަހަނައަޅައިގޮސް މުސްލިމު އާއިލާތައް ވިއްސިވިހާލިކޮށް، އާއިލީ ގުޅުންތައް ކަނޑާލައި ފައިވާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ޝިންޖިއާންގައި ޗައިނާއިން ހިންގާ އަމަލުތައް ކުށްވރިކޮށް ވާހަކަ ދައްކާ ބޭރުގައި އުޅޭ ފަރާތްތަކާ ދެކޮޅަށް ބިރު ދައްކައި އިންޒާރު ދިނުމުގެ އަމަލުތައް ހިންގާކަމަށްވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.
އޯއެޗްސީއެޗްއާރުން ބުނީ ޗައިނާ ސަރުކާރުގެ ހުރިހާ ގާނޫނުތަކާއި ސިޔާސަތުތައް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ އުސޫލުތަކާ އެއް ހަމައަކަށް ގެނައުމާއި އިންސާނީ ހައްގުތަކާ ހިލާފުވާ ކަމަށް ތުހުމަތު ކުރެވޭނަމަ އަވަހަށް އެ ކަމެއް ތަހުގީގު ކުރުމާއި، ކުށްކުރާ ފަރާތްތައް ޖަވާބުދާރީކުރުވުމާއި، އިންސާނީ ހައްގުތައް ނިގުލައި ގަނެ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފަރުވާ ދިނުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ދެކެން ވާނެ ކަމަށެވެ.
ކޮމިޝަނަރ ބެކްލެޓްގެ ރިޕޯޓްގައި ޗައިނާއިން ރަގަޅު ކުރަން ހުރި ކަންކަންވެސް ފާހަގަ ކޮށްފައި ވެއެވެ. އޭގައި ހުށަހަޅާފައިޥާ ގޮތުން، ޗައިނާއިން މީހުން ބަންދު ކުރާނަމަ އެމީހުން ބައިތިއްބާ ތަނެއް އާއިލާތަކަށް އެންގުމަށާއި އަދި ސީދާ އެމީހަކު ބަހައްޓާފައި ހުރުތަނެއްގެ ސާފު މައުލޫމާތު ދޭން ވާނެ ކަމަށާއި ރައްކާތެރި ކަމާއެކު އާއިލާއާއި މުވާސަލާތު ކުރެވޭ ގޮތް ހަދައި ދޭންވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ބަންދުގައި ތިބޭ އާއިލާތައް އަލުން އެއްވުމުގެ ފުރުސަތު ދިނުމަށް ދައުލތުން އެހީތެރިވާން ޖެހޭ ކަމަށްވެސް ހުށަހަޅާފައި ވެއެވެ.
އެ ރިޕޯޓުގައި ޗައިނާއަށް ގޮވާލާފައިވަނީ ޒާތީ މިނިވަންކަން ލިބިފައިވާ ޝިންޖިއާން ސަރަހައްދުގައި ގައުމީ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ހިންގާ ސިޔާސަތުތައް ގާނޫނީ އިމަށް ފެއްތުމަށް ފުރިހަމައަށް މުރާޖައާކުރުމަށެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ހަމަތަކަށް ފުރިހަމައަށް ޗައިނާ ދައުލަތުން އަމަލުކުރާކަން ކަށަވަރުކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ގަދަކަމުން މީހުން ބައިތިއްބާފައިވާ އިސްލާހިއްޔާތަކާއި ކޭމްޕްތަކުގައި އަނިޔާކޮށް މީހުންގެ ހައްގަށް އަރައިގެންފައިވާ ނަމަ އެ މައްސަލަތައް ސަރުކާރުން ތަހުގީގު ކުރުމަށްވެސް ގޮވާލާފައިވެއެވެ.
ބެކްލެޓްގެ ރިޕޯޓު ޝާއިއު ކުރުމާ ގުޅިގެން ޗައިނާއިން ވަނީ ރަައްދުގައި ތަފްސީލީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާން ނިންމާލަމުން ޗައިނާ ސަރުކާރުން ބުނެފައި ވަނީ ޝިންޖިއާންގް ސަރަހައްދުގައި މަސްއޫލުވެރިން އަމަލު ކުރަމުންދަނީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށް ބަލައިގެން އެއުސޫލުން ނެވެ. އަދި ޗައިނާގެ ޗައިނާއިން ތަފާތު ކުރާކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ޗައިނާއިން ބުނީ ޝިންޖިއާން ސަރަހައްދުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ އުސޫލާއެއް ގޮތަށް ކަމަށާއި އަދި އެއްވެސް ގޮތަކަށް ބައިމަދު ދަރިފަސްކޮޅުގެ މީހުންނާ މެދު ތަފާތު ކޮށްފައި ނުވާނެ ކަމަށެވެ.
އިސްލާހިއްޔާތަކާ ބެހޭ ގޮތުން ބެއިޖިން އިން ޖަވާބު ދިނީ އެތަންތަނަކީ ހައްދުފަހަނައަޅާދާ ހަރުކަށި ފިކުރާ ދެކޮޅަށް މީހުން މުޖުތަމައަށް އަނބުރައި ނެރުމަށް މަސައްކަތާ ހުނަރު ދަސްކޮށްދޭ މަރުކަޒުތަކެއް ކަމަށެވެ. އަދި އެތަންތަނަކީ "ކޮންސެންޓްރޭޝަން ކޭމްޕްތަކެއް" ނޫން ކަމަށްވެސް ބުންޏެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދގެ ކޮމިޝަނަރ ބެކްލެޓް ޗައިނާ ސަރުކާރުގެ ދައުވަތަކަށް ޗައިނާއަށް ވަޑައިގަތީ މެއި މަހުއެވެ. އެކަމަނާ ވަނީ މިމަސައްކަތުގައި ޝިންޖިއާންއަށް ޒިޔާރަތް ކުރައްވާފަ އެވެ.
އެކަމަނާގެ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރުގެ ގިނަ މަސްއޫލުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި ސްކޯލަރުންނާއި އާންމުންނާއި ދީނީ ލީޑަރުންނާ ވާހަކަ ދައްކަވާފައިވެއެވެ. އޭގެ އިތުރުން، މި ދަތުރުފުޅުގެ ކުރިން، ޝިންޖިއަންގް ޕްރޮވިންސާއި، ޓިބެޓާއި، ހޮންކޮންގާއި، ޗައިނާގެ އެހެން ހިސާބުތަކާ ގުޅޭ މައްސަލަތަކުގައި، އޮންލައިންކޮށް ބައެއް ބައްދަލުވުންތައް ބޭއްވެވިއެވެ.
ބެކްލެޓްގެ ދަތުރުފުޅު ނިންމަވާލައްވަމުން ޝިންޖިއާންގް، ޓިބެޓް، ހޮންކޮންގްގައި އިންސާނީ ހައްގުތައް ދިފާއުކުރާ ފަރާތްތަކާއި ވާހަކަ ދައްކަވައި އަދި ލޭބަރ ރައިޓްސްއާ ގުޅޭ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެކަމަނާ ވަނީ ޗައިނާއިން ފަގީރުކަން ކުޑަކުރުމާއި، އިންތިހާއަށް ފަގީރުކަން ނައްތާލުމުގައި ހޯދާފައިވާ ބޮޑު ކާމިޔާބީއަށް ތައުރީފު ކުރައްވާފައެވެ.