ފެހި ވާދީތަކާއި ރީތި ކޯރުތައް އޮހޭ ޔޫރަޕަށް ލައިގެންފައިވަނީ އާދަޔާ ޚިލާފު ހަނަފަސް ކަމެކެވެ. ކުރިން އެމީހުންގެ ހަނދާނުގައި ދުވަހަކުވެސްފެނިފައި ނުވާ ފަދަ އާސާރީ ތަންތަންވެސް ކޯރުތައް ހިނދުމުގެ ސަބަބުން ފެނިފައި ވެއެވެ.
އެއާ ޚިލާފަށް ހަނަފަސް މެދުއިރުމަތީގައި ފެހި ތަންތަން ދަނި އިތުރު ވަމުންނެވެ. ހިރަފުސްބީ ހިކި، ހޫނު މައްކާއާއި މަދީނާ ފަދަ ތަންތަނަށް ބޯކޮށް ވާރޭ ވެހެމުން ދެއެވެ. ޑުބާއީގައި ފެން ބޮޑު ވެއެވެ.
މިސްރުގެ ޕީރާމިޑް ނުވަތަ އަހުރާމުތައް ހެދުމަށް ބޮޑެތި މާސިންގާ ހިލަތައް ގެނަސް ދުރު ހިސާބުން ގެނަސްފައިވާ ގޮތާ ބެހޭ ގޮތުން ސައިންސްވެރިން ވަނީ އަބަދުވެސް ސުއާލު އުފައްދާފައެވެ.
އަލަށް ހޯދުނު ސައިންޓިފިކް ހޯދުންތަކުން އެނގުނީ، ހީކުރެވުނު ގޮތާ ޚިލާފަށް އަހުރާމުތައް ބިނާ ކޮށްފައި ވަނީ ނީލަ ކޯރިގެ އައްސޭރިފަށުގައި ކަމަށެވެ. މިހާރު ނީލަކޯރާއި އަހުރާމާދެމެދު އެތައް މޭލެއް ހުރެއެވެ.
މީގެ ގާތްގަނޑަކަށް 8،000 އަހަރު ކުރިން، އެފްރިކާއަކީ މިހާރު ފެންނަ ފަދަ ހޫނު ހިކި ބިމެއްނޫނެވެ. މިހާރުގެ ހަނަފަސް ސަހަރާތަކަކީ މުއްސަނދި ފެންގަނޑުތަކާއި ޗަސްބިންތަކުން ފޮރުވިފައި އޮތް ތަނެކެވެ.
ފާއިތުވެ ދިޔަ ދެތިން ހާސް އަހަރު ތެރޭގައި، އުތުރު އެފްރިކާ ވަނީ ހިކިގެން ގޮސްފައެވެ. މިހާރު އެނގެނީ ނީލަ ކޯރު ކަފި ވެގެން އަހުރާމްތަކާ ހަމައަށް ގޮސް ބެހެމުން ދިޔަ ކަމަށެވެ. ސައިންސްވެރިން އެކަފިވުމަށް ނަން ދީފައި ވަނީ ނީލަ ކޯރުގެ ޚޫފޫ ކަފީގެ ނަމުންނެވެ.
މި ކަފީގެ ސަބަބުން އަހުރާމުތައް ބިނާ ކުރަން ފަސޭހަވިއެވެ. ސައިންޓިސްޓުން ބުނަނީ ބިޔަ ހިލަތައް އުފުލލާފައި ވަނީ ކޯރުން މި ޚޫފޫ ކަފިން ލައިގެން މިހާރު އަހުރާމުތައް އެހެރެ ތަނަށް ގެނަސް އޭގެ ބުޑަށް ބާލަނީ ކަމަށެވެ. އަދި ކޯރުގައި ފެންގަނޑުވެސް އުފުލިފައި އޮތުމުން ދަތުރު ފަތުރަށް ފަސޭހަވެފައި އޮތް ކަމަށްވެސް ދައްކައެވެ.
އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް 1350 އަހަރު ކުރިން އުމުރުން 9 އަހަރުގައި ރަސްކަމަށް ކޮލިލެވުނު ތޫތުއަންޣް އާމޫނު ފިރުއައުނު ރަސްގެފާނުގެ ފަހުން ނީލަ ކޯރުގެ ފެންގަނޑު ވަނީ މަޑު މަޑު ހިނދެން ފަށާފައެވެ.
އަދި އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 332 އަހަރު ކުރިން އެލެގްޒެންޑާ ދަ ގްރޭޓް މިސްރު ފަތަހަ ކުރެއްވިއިރު އަހުރާމު އެހެރަ ސަރަހައްދު ވަނީ ހަނަފަސް ސަހަރާއަކަށް ވެފައެވެ.
މި ހަފްތާގައި ހާމަކޮށްފައިވާ މި އައު ދިރާސާއަކީ އަހުރާމު ކައިރި ސަރަހައްދުގެ އެކި ތަންތަން 30 މީޓަރަށް ކޮނެގެން ނަގާފައިވާ ސާމްޕަލްތައް ފަރަންސޭސި ލެބެއްގައި ތަހުލީލު ކުރުމުން ހާމަވެފައިވާ މައުލޫމާތެވެ. މިކަމުގައި އިސްކޮށް އުޅުއްވީ އެންވައިރޮންމެންޓަލް ޖިއޮގްރަފަރއެއްކަމަށްވާ ހެޑަރ ސެއިޝާއެވެ. އޭނާއަކީ ޔޫރަޕިއަން ސެންޓަރ ފޯރ ރިސާޗް އެންޑް ޓީޗިންގ ގައި އެންވައެރަންމެންޓަލް ޖިއޯސައިންސްގެ ޕްރޮފެސަރއެކެވެ.