ބޭނުންވާ ތަކެތި

1 ޖޯޑު ގިތެޔޮ (ގީ)

2 ކެރެޓް

1 ގޖޯޑު ހިކި މޭބިސްކަދުރު

2 އިންޗި ފޮނި ތޮށި

5 ކާފޫރު ތޮޅި

5 ކަރަންފޫ

2 ފިޔާ

2 ޓޮމާޓޯ (ޓޮމާޓޯ ޕިއުރީ)

2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް

60 ގުރާމު އަރަބި ހަވާދު/ ކުކުޅުހަވާދު

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

4 ހިކި ލުނބޯ

4 ޖޯޑު ބާސްމަތީ ހަނޑޫ

ރަހަލާވަރަށް ލޮނު

ކައްކަން ފެން

ތައްޔާރުކުރާނެގޮތް

އެންމެފުރަތަމަ ބާސްމަތީ ހަނޑޫ ދޮވުމަށް ފަހު ހިއްކަން ބަހައްޓާށެވެ. ދެން ތެއްޔެއް އުނދުންމައްޗަށް އުދައި ގިތެޔޮ އަޅާ ހޫނުކުރާށެވެ. ގިތޮޔޮ ހޫނުވުމުން އެއަށް ކެރެޓް ކޮށާފައި އަޅާށެވެ. އަދި ހިކި މޭބިސް ކަދުރުވެސް އަޅާށޭވެ. ދެން ލޮނުކޮޅެއް ލައިގެން 5 ވަރަކަށް މިނެޓް ތެއްލުމަށްފަހު މިތަކެތި ތެލިން ނަގާށެވެ. އެއަށްފަު އެތެއްޔަށް ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ އަޅާށެވެ. އަދި 2 ފިޔާވެސް ކޮށާފައި އަޅާށެވެ. 1 މިނެޓުވަންދެން މިތަކެތި ތެއްލާލުމަށްފަހު ޓޮމާޓޯ ޕިއުރީ އާއި ޓޮމާޓޯ ޕޭސްޓް އަޅާށެވެ. އެއަށްފަހު ހަވާދާއި މުގުރި އަސޭމިރުސް، ކުޑަ ލޮނުކޮޅެއްވެސް އަޅައިގެން ހަނާކޮށްލާށެވެ. ދެން 1.7 ލީޓަރުގެ ހޫނުފެން އެޅުމަށްފަހު ހިކި ލުނބޯވެސް އަޅާށެވެ. ހުރިހާތަކެތި އެއްކޮށްލުމަށްފަހު 10 ވަރަކަށް މިނެޓު މަތިޖަހައިގެން ކައްކަލާށެވެ. އެއަށްފަހު ދޮވެ، ހިއްކަން ބެހެއްޓި ހަނޑޫ އަޅާށެވެ. ދެން ދޭފަތަކުން ހަލާލުމަށްފަހު މަތިޖަހައިގެން ކައްކާލާށެވެ. ބަތްކޮޅު މަތިން ހިނދުމުން ކުރިން ތެއްލި ކެރެޓުކޮޅާއި ހިކި މޭބިސްކަދުރު އަޅާށެވެ. ހުރިހާއެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު އެލްމެނިޔަމް ފޮއިލްއިން ތެލީގެ މަތި ނިވާކުރުމަށްފަހު، އޭގެ މަތިން ތެލީގެ މަތި ޖަހާ ބަންދުކޮށްލާށެވެ. ދެން އެއްކޮށް ފެން ހިނދުމުން ތެލި އުނދުންމަތިން ބަލާށެވެ.