ޗައިނާގެ ކުންފުންޏަކުން ސްރީލަންކާއަށް ގަޑުބަޑުކޮށްފައިވާ ގަސްކާނާ ވިއްކުމުގެ ސަބަބުން ކޮޅުނބުން އެ ޝިޕްމެންޓަށް ފައިސާ ދެއްކުމުން 6.9 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް ސްރީލަންކާގެ އޯޑިޓް ރިޕޯޓްގައި ބުނެފިއެވެ. ހުޅުވާލާފައިވާ ބީލަމަކަށް ކުރިމަތިލ ލައިގެން ޗައިނާ ކުންފުންޏަކުން ކާމިޔާބު ކުރި ބީލަމަށް ފޮނުވި ގަސްކނާ ޓެސްޓް ކުރިއިރު ބެކްޓީރިއާ ހުރިކަމަށް ފެނިގެން 2021ގެ ޑިސެމްބަރު މަހު އެ މުދާ ބަލައި ނުގަތުމަށް ކޮޅުނބުން ނިންމިއެވެ. ނަމަވެސް ޗައިނާ ކުންފުނިން ފިއްތުންތައް ކުރިމަތިކުރުމާއި ޑިޕްލޮމެޓިކް ޗެނަލް ބޭނުން ކޮށްގެން ސަރުކާރުން މައްސަލާގެ ތެރެއަށް ވަނުމުން އަލުން ޝިޕްމެންޓް ބަލައި ގަނެ ފައިސާދޭން ކޮޅުނބަށް މަޖބޫރުވިއެވެ.

އޯޑިޓް ރިޕޯޓުގައި ވަނީ މި މައްސަލާގައި ފިޔަވަޅު އެޅުމަށް ލަންކާ ސަރުކާރަށް ލަފާ ދީފައެވެ. އަދި ލަންކާ އޮފިޝަލުންނާއި ޗައިނާގެ ކުންފުނި، ޗިންގްޑާއޯ ސީވިން ބަޔޯޓެކް ގްރޫޕް ކޯ ލިމިޓެޑުގެ މައްޗަށް ދައުވާ ކުރުމަށްވެސް ލަފާ ދީފައިވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ އެ ގަސްކާނާ ސްރީލަންކާއަށް ބޭލުމަކީވެސް 1999ގައި ފާސްކޮށްފައިވާ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު ނަންބަރު 35 ގައިވާ ގޮތުގެ މަތިން ކުށެކެވެ.

އަދި ސްރީލަންކާގެ ނެޝަނަލް އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ ސްރީލަންކާގެ ގާނޫނުތަކާއި އެއްބަސްވުންތަކަށް ޗައިނާ ކުންފުނިން އަމަލު ކުރަން ދެކޮޅު ހަދާފައި ވުމުން އެ ކުންފުނި ބްލެކްލިސްޓް ކުރުމަށް އެދިފައެވެ.