އެމެރިކާގެ އިއްތިޙާދު ރޫޅިދާނެ ކަމަށް ބުނާވާހަކަތައް މިފަހަކަށް އައިސް ވަރަށް ގިނައިން އަޑު އަހާފައި ވާނެއެވެ. ނަމަވެސް އެއީ މުޅިން ދޮގު އިންޒާރުތަކެއް ނޫނެވެ. ޓްރަމްޕްގެ އިންގިލާބުން ދައްކައި ދިނީ އެއީ ކުރިވާން އޮތް ނުރައްކަލެއް ކަމަށެވެ.
ދާދިފަހުން ދެއްވި ތަގްރީރެއްގައި އެމެރިކާގެ ރައިސް ބައިޑެންވެސް ވަނީ އެފަދަ ނުރައްކަލަކުން އެމެރިކާ ސަލމަތް ކުރަން ޖެހޭކަމަށް ވިދާޅުވެ އިންޒާރެއް ދެއްވާފައެވެ.
މި ވާހަކަތަކަށް އިތުރު ބުރަދަނެއް ލިބެނީ އަލަށް ޗާޕްކޮށް ނެރެފައިވާ ފޮތަކުންނެވެ.
ޓެކްސަސް ސްޓޭޓުން ކުރިން އިންތިޚާބުވެފައި ހުރި ރިޕަބްލިކަން ރެޕްރެޒެންޓެޓިވްއެއް ކަމަށްވާ ޖޮޑީ އެރިންގޓަން ބުނާ ގޮތުން އެމެރިކާއިން ގާނޫނުއަސާސީއަށް ބަހުސް ނުކުރާތާ މިހާރު 200 އަހަރުވީއެވެ. މިއީ އެފަދަ އެކްސަސައިޒެއް ނުބާއްތާ ވަރަށް ދިގު ޒަމާނެއް ކަމަށް އޭނާ ބުނެއެވެ.
އެރިންގޓަންއަކީ އޭނާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެމްބަރަކަށް ހުރި އިރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ގާނޫނެއް ހުށަހެޅި މީހެކެވެ. އޭނާ ހުށަހެޅި ގާނޫނުގައި ވަނީ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ގާނޫނުއަސާސީ އިސްލާޙު ކުރުމަށް ހުށަހެޅުންތައް އެމެރިކާގެ އަރުޝީފުން ހޯދުމަށްފަހު އެކަީގެންވާ އަދަދެއްގެ ސްޓޭޓްތަކުން އެކަމަށް އެދިއްޖެނަމަ އެމެރިކާގެ ކޮންގްރެސްއިން އިސްލާޙު ޑްރާފްޓް ކުރުމަށް ތާވަލް ކުރުމަށެވެ.
ރިޕަބްލިކަން ޕާޓީގެ ވިސްނުމަކީ އެމެރިކާގެ މަރުކަޒީ ސަރުކާރު މާބޮޑަށް ބާރު ގަދަވަމުންދާތީ މަރުކަޒީ ސަރުކާރު ކޮންޓްރޯލު ކޮށް ކުޑަ ކުރުމަށް ގާނޫނުއަސާސީ އިސްލާޙު ކުރާށެވެ.
ހެޔޮވިސްނޭކަމަށް ބެލެވޭ ބަޔަކު ބުނަނީ މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ! ކުރިން ވިސްކޮންސިން ސްޓޭޓުން އިންތިޚާބުކޮށްފައިވާ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ ރަސް ފެއިންގޯލްޑް ވިދާޅުވަނީ މިއީ ނުރައްކަލުން ފުރިގެންވާ ޚިޔާލެއް ކަމަށެވެ.
ފެއިންގޯލްޑަކީ އެމެރިކަން ކޮންސްޓިއުޝަން ސަޮސައިޓީގެ ރައީސްވެސް މެއެވެ. މިއީ މިނިވަން ޚިޔާލުގެ ޖުޑީޝަލް ގްރޫޕެއްގެ ބަޔަކު ހިމެނޭ ޖަމުއިއްޔާއެކެވެ.
އޭނާއާއި ބައިވެރިން ދެކޭ ގޮތުގައި ކަނާތު ފިޔައިގެ މީހުންގެ ފުށުން ބޮޑު ނުރައްކަލެއް އޮތުމާއެކު މިކަމާ ގާތްވުން ބުއްދިވެރި ނޫން ކަމަށެވެ!
އެމެރިކާގެ ތާރީޚްގައި ގާނޫނުއަސާސީއަށް ގެނަސްފައި ވަނީ ޖުމުލަ 27 އިސްލާހެވެ. ކޮންމެ އިސްލާހަކަށް ކޮންމެ ސްޓޭޓަކުން ވަކިވަކިން ވޯޓަށް އަހައި ތާއީދު ކުރަން ޖެހެއެވެ.