މީހުންގެ ބޮޑުކަންވެސް އަދި އެމީހުން ދުނިޔޭގައި އުޅުކަންވެސް އެނގެނީ އެމީހަކު މި ދުނިޔެ ދޫކޮށް ދިއުމުންނެވެ. ދުނިޔޭގެ ގިނަ އިންސާނުންގެ ދިރިއުޅުމަށް އަސަރުކުރާފަދަ ކުންފުންޏެއް އުފައްދައި އަދި އޭގެ ކާމިޔާބީއަށް ފަހު ދެވަނަ ކުންފުންޏެއް އުފައްދައި އަދި ފަހުން ބަނގުރޫޓްވާން ދިޔަ ތިން ވަނަ ކުންފުންޏެއް ސަލާމަތް ކޮށްދިން މީހާ މިހާރު ވަނީ ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ.
އޭނާގެ ނަމަކީ އެހާ މަޝްހޫރު ނަމެއް ނޫނެވެ. ނަމަވެސް ޖަޕާނުގެ ހޮންޑާ ކުންފުނީގެ ބާނީ ސޯއިޗިރޯ ހޮންޑާއާއި ވޯކްމޭން އުފެއްދި ސޮނީ ކުންފުނީގެ ބާނީ އާކިއޯ މޮރިތާހާ އެއްވަރެއްގެ މަޝްހޫރުކަމެއް އޭނާއަށް ޖަޕާނުން ބޭރުގައި ލިބިފައެއް ނުވެއެވެ.
އެހެންނަމަވެސް މެނޭޖްމަންޓް ތިއަރީގައި އޭނާގެ ނަން ވިދާލައެވެ. އަދި ޖަޕާނުގައި މިލިއަނުން އޭނާގެ ތިއަރީއާއި ފޮތްތައް ޗާޕްކޮށްފައި ވެއެވެ.
އެމީހަކީ ޖަޕާނުގެ ކާޒުއޯ އިނާމޮރީއެވެ. މެނޭޖްމަންޓް ދޭވަތާގެ ނަމުން މަޝްހޫރުވެގެން ދިޔަ އިނާމޮރީ އުފެއްދި ތިއަރީއަކީ އަމީބާ ތިއަރީއެވެ.
އުމުރުން 90 އަހަރުގައި މަރުވެފައިވާ އިނާމޮރީ އަކީ ތަށިމުށި އަދި ފޮޓޯ ކެމެރާ އުފެއްދި ކިއޮސޭރާ ކުންފުނީގެ ބާނީއެވެ.
އޭނާގެ ކުންފުނީގައި އޭނާގެންގުޅުނު އުސޫލަކީ އަމިއްލަ ފައިދާއަށް މަސައްކަްތ ކުރުމަށްވުރެން އާންމު ފައިދާއަށް މަސައްކަތް ކުރުމަށް ކޮންމެ މުވައްޒަފަކު ލައްވައި ހުވައި ހުވައި ކުރުވުމެވެ.
އޭނާ ކިޔެވި ދާއިރާއަކީ ކެމިކަލް އިނޖިނިއަރިންގެ ދާއިރާ ކަމުން އޭނާ ފުރަތަމަ ވަޒީފާއަށް ދިޔައީ ތަށިމުށި އުފައްދާ ކާރުޚާނާއެއްގެ މަސައްކަތަށެވެ. އެމީހުންނާ މައްސަލަ ޖެހިގެން އައިސް 10 ހާސް ޑޮލަރު އިންވެސްޓް ކޮށްގެން އަމިއްލަ ކުންފުންޏެއް އުފެއްދީއެވެ.
އޭނާ ކާމިޔާބުވީ އެމެރިކާއިން ޖައްވީ ޕްރޮގްރާމު ފެށުމުން އެޕޯލޯ ރޮކެޓްތަކަށް ރެސިސްޓަރ ރޮޑްތައް ހަދައިދޭން ފެށުމުންނެވެ.
އިނާމޮރީގެ އަމީބާ މެނޭޖްމަންޓް ތިއަރީއަކީ ޗައިނާގެ އަލީބާބާގެ ބާނީ ޖެކް މާވެސް އަބަދު ހަވާލާދޭ ތިއަރީއެވެ. އެ ތިއަރީ ބުނާގޮތުން ކުންފުންޏެއްގެ ހިންގަން ވާނީ ކުދި ގްރޫޕްތަކަށް ބަހާލައި ގެންނެވެ. އަދި ވިޔަފާރީގެ ނިންމުންތައް އެންމެ ރަނގަޅަށް ވިސްނޭ މީހުންނަށް ކަންކަން ނިންމަން ދޫކޮށްލަން ވާނެއެވެ. އަދި އެކަންކަން އެންމެ ރަގަޅަށް ދަންނަނީ އެމަސައްކަތެއްގައި އުޅޭ މުވައްޒަފުންނެވެ!
އަމީބާ މެނޭޖްމަންޓް ތިއަރީތައް 700 ކުންފުންޏެއްގައި ބޭނުން ކުރެއެވެ.
އިނާމޮރީގެ ކިއޮސޭރާ ކުންފުނީގެ ކާމިޔާބީއަށް ފަހު އޭނާ އުފެއްދި ދެވަނަ ކުންފުންޏަކީ ކޭޑީޑީއައި އެވެ. އެއީ ޖަޕާނުގެ ދެވަނައަށް އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުންޏެވެ.
ދުނިޔޭގެ އުފަލާއި އަރާމުން އެކަހެރިވެ 1997ގައި ރިޓަޔަރ ވުމަށްފަހު އޭނާ ބުޑިސްޓް ހާމުދުރަކަށް ވިއެވެ. ނަމަވެސް ޖަޕާން އެއަރލައިން ބަނގްރޫޓުވާން ދިއުމުން އަނބުރައި އޭނާ މަސައްކަތަށް ނިކުމެ އެކުންފުންޏާ ހަވާލުވުމަށް ޖަޕާން ސަރުކާރުން އެންގުމުން އެމަސައްކަތްވެސް ކާމިޔާބު ކަމާއެކު އޭނާ ކޮށްދެއްކިއެވެ.