ދަރަނީގެ ދަތިކަން ސްރީލަންކާއަށް ކުރިމަތިވަމުންދާއިރު، ޗައިނާއިން ލޯނު ދޫކުރުމުގެ ފަހަތުގައިވާ މައްސަލަތަކުގެ އަސްލަކީ އެގައުމުގައި ގާނޫނާއި ގަވާއިދުގެ ދާއިރާގައި ހުރި ބަލިކަށި ރެގިއުލޭޓަރީ ފްރޭމްވޯކްތަކާއި ނިންމުންތައް ނިންމުމުގައި ސިޔާސީ މީހުންނާއި މަސްއޫލު ވެރިން ސަމާލުކަން ދިނުން ބަލިކަށިވުމުން ދިމާވި ކަމެއް ކަމަށް ވެރީޓް ރިސާޗްގެ ދިރާސާއެއްގައި ބުނެފައިވެއެވެ.
މި ދިރާސާއަކީ "ދަ ލަރ އޮފް ޗައިނީސް ލޯންސް: ސްރީލަންކާސް އެކްސްޕެރިމެންޓް ވިތު އަ ސްޕެޝަލް ފްރޭމްވަރކް ޓު ފައިނޭންސް އިޓްސް އިންފްރާސްޓްރަކްޗަރ"ގެ ނަމުގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ.
ސްރީލަންކާގެ ދަ އައިލެންޑު ނޫހުން މި ދިރާސާއާ ހަވާލާ ދީ ބުނެފައި ވަނީ ޗައިނާގެ ދަރަނި ދިނުމުގައި ގެންގުޅޭ އުސޫލުތަކަކީވެސް މި މައްސަލައަށް ޙިއްސާވާ އުނިކަމެއް ކަމަށެވެ.
އޭގެ އިތުރުން އިންފްރާސްޓްރަކްޗަރަށް ފައިނޭންސް ކުރުމަށް ނަގާ ލޯނުތަކަކީ ދެފުށް ފެންނަ ވާދަވެރި ބީލަމެއްގައި ދީފައިވާ މަޝްރުއުތަކެއް ނޫންކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
އަދި މަޝްރޫއުތަކަށް ކުރާ ހަރަދު ބޮޑުވުން ހުއްޓުވުމަށް ގައުމުގެ ޕްރޮކިއުމަންޓް ރެގިއުލޭޓަރީ ފްރޭމްވޯކް ހަރުދަނާ ކުރުމާއި ޕްރޮކިއުމަންޓްގެ މަސައްކަތް ގެންދާ ގޮތަށް ފާރަވެރިވުން ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ސްރީލަންކާއިން ވަނީ ވާދަވެރި ނޫން ގޮތަށް ގެންނަ މަޝްރޫއުތަކުގެ ޕްރޮޕޯސަލްތައް ފާސްކުރުން 2010 ވަނަ އަހަރު ކެބިނެޓްގެ ދަށަށް ބަދަލުކޮށްފައެވެ.
މަޝްރޫއުތަކުގެ ޕްރޮޕޯސަލްތައް ތަހުލީލުކޮށް އިވެލުއޭޝަން ޕްރޮސެސްގައި ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން މަސްއޫލުވެރިންނަށް ކަސިޔާރުވުމަށް ފަހި ކޮށްދޭ ކަމަށާއި އެކަމުގެ މިސާލެއްގެ ގޮތުން ގަމްޕަހާ، އައްޓަނާގަލާ، އަދި މިނުވަންގޯޑާގެ ވޯޓާ ސަޕްލައި ޕްރޮޖެކްޓް ތަހުލީލު ކޮށް އޭގައި ހުރި އުނިކަންކަން ހާމަކޮށްފައި ވެއެވެ.
މި ޕްރޮޖެކްޓަކީ ވާދަވެރި ބީލަމެއް ނެތި ހުށަހެޅި ޕްރޮޕޯސަލްއެއް ކެބިނެޓުން ފާސްކޮށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލު ކުރި ޕްރޮޖެކްޓެކެވެ. ދިރާސާގައި ބުނެފައި ވަނީ އެކުންފުންޏަކީ ފެނާއި ގުޅޭ އެފަދަ މަޝްރޫއެއް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫން ކަމަށެވެ.
ސްރީލަންކާގައި 2010ވަނަ އަހަރުން 2016އަށް ދިރާސާގައި ފާހަގަ ކޮށްފައި ވަނީ މަޝްރޫއުތައް ލިބުމުގެ ރަން ޒަމާން ކަމުގައެވެ. މަޝްރޫއުތައް ލިބިފައި ވަނީ ޗައިނާ އިންނެވެ. ބެއިޖިންގއިން 5895 މިލިއަން ޑޮލަރިގެ ލޯނު ސްރީލަންކާއަށް އެ މުއްދަތުގައި ލިބިފައި ވެއެވެ. އޭގެ ތެރޭން 53 ޕަސެންޓް ލޯނުތަކަކީ ކެބިނެޓުން ޚާއްސަ ކޮށްފާސްކޮށްފައިވާ ޕްރޮޖެކްޓްތަގެ ލޯންތަކެވެ.