ރަޝިޔާއިން އުތުރު ކޮރެއާގެ ބަރުހަތިޔާރާއި ވަޒަނާއި ރޮކެޓްތައް ގަންނަމުންދާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނެފި އެވެ. ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް ދުނިޔެއިން ބްލެކްލިސްޓް ކޮށްފައިވާ ގައުމުތަކުން އެހީ ހޯދަން މަޖުބޫރުވެފައިވާ ކަމަށްވެސް އެމެރިކާގެ ޖާސޫސީ އިދާރާ ބުނެއެވެ.
އޭގެ ކުރިން އެމެރިކާއިން ބުނާ ގޮތުގައި އީރާނުގައި އުފައްދާފައިވާ ޑްރޯންތަކުގެ ފުރަތަމަ ޝިޕްމަންޓްތައް ރަޝިޔާއަށް ލިބިފައި ވެއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ޑްރޯންތަކުގައި މެކޭނިކަލް މައްސަލަތަކެއް ހުރި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ ރަޝިޔާއިން އީރާނަށް، އަދި މިހާރު އުތުރު ކޮރެއާއަށް އެނބުރި ދިއުމަށް ނިންމުމަކީ އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ސަބަބުން އެގައުމުގެ ސިފައިންނަށް ތަކެތި ހޯދުމަށް ދަތިވެފައިވާ ކަމުގެ ނިޝާނެކެވެ.