އެމެރިކާގައި ކުލައިގެ މީހުން ހުދު މީހުންނާ އިނުމަކީ މީގެ 50 އަހަރު ކުރިން ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ. އެމެރިކާގެ ސުޕްރީމް ކޯޓުން ނަސްލުތައް މައްސުނިކޮށް ކައިވެނި ކުރުމަކީ ކުށެއް ނޫންކަމަށް ޙުކުމް ކުރި ފަހުން އެމެރިކާގައި ނަސްލުތައް މައްސުނިކޮށް ކުރެވޭ ކައިވެނިތަކުގެ ހިއްސާ ފަސްގުނައަށް އިތުރުވަމުން ގޮސްފައި ވެއެވެ. 1967 ވަނަ އަހަރު ކުރެވުނު ހުރިހާ ކައިވެންޏެއްގެ ތެރެއިން ނަސްލު މައްސުނިކޮށް ކައިވެނިކޮށްފައި ވަނީ އެންމެ 3 ޕަސނެޓް މީހުންނެވެ. ފަހުން 2015 ވަނަ އަހަރު އެ އަދަދު 17 ޕަސެންޓަށް އިތުރު ވެފައި ވެއެވެ.

މިއަހަރު އަލަށް ނަގާފައިވާ ސާވޭއަކުން ދައްކަނީ އެމެރިކާގައި އާދަޔާ ޚިލާފަށް ނަސްލުތައް މައްސުނިކޮށް ކާވެނި ކުރުން މަގްބޫލު ކަމަށެވެ. މިހާރު 94 އިންސައްތަ މީހުން ބުނަނީ ހުދު މީހުންނާއި ކުލައިގެ މީހުން މައްސުނިކޮށް ކައިވެނި ކުރުމަކީ އޯކޭ ކަމެއް ކަމަށެވެ.

އެފަދަ ސާވޭއެއް 1958 ވަނަ އަހަރު ގެލަޕް އިން ފުރަތަމަ ފަހަރަށް ކުރިއިރު އެމެރިކާގެ ނަސްލުތަކުގެ މެދުގައި މައސުނި ކައިވެނިތަކަށް ރުހުން ދިނީ އެންމެ 4 ޕަސެންޓް މީހުންނެވެ.

އެމެރިކާ މުޖުތަމައަކީ އާދަޔާ ޚިލާފަށް ނަސްލު ބަދަލުވަމުންދާ މުޖުތަމައެކެވެ. އުމުރުން އަހަރު 18 އަހަރުން ދަށުގެ މުޅި އާބާދީގައި މިހާރު އެމެރިކާގައި ގިނައީ ހުދު ނޫން މީހުން ކަމަށް ބްރޫކިންގްސް އިންސްޓިޓިއުޝަންގެ ޑިމޮގްރާފަރ، ވިލިއަމް ފްރޭގެ ފޮތުގައި "ޑައިވަރސިޓީ އެކްސްޕްލޯޝަން: ހައު ނިއު ރޭޝަލް ޑިމޮގްރަފިކްސް އަރ ރިމޭކިން އެމެރިކާ" ލިޔުއްވައެވެ.

އެމެރިކާގައި ކުރިއަށް އޮތް ދިހަ އަހަރު ފަހުން 30 އަހަރުން ދަށުގެ އާބާދީގެ ބައި ގިނަ މީހުން ވާނީ ހުދު ނޫން ނަސްލުގެ މީހުންނެވެ.

ނަސްލުތައް މައްސުނިކޮށްގެން ކައިވެނި ކުރުމާ ބެހޭ ގޮތުން ހޯދި ޚިޔާލު ހޯދުމުގައި އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 98 ޕަސެންޓް މީހުން ބުނެފައި ވަނީ އެކަމާ ގަޔާވާ ކަމަށެވެ.

އުމުރުން 30އާއި 40ގެ ތެރޭގެ މީހުންގެ 97 މީހުން ބުނަނީ އެކަމަށް ގަޔާވާ ކަމަށެވެ.

50އިން މަތީގެ 91 ޕަސެންޓް މީހުންވެސް ބުނަނީ ގަޔާވާ ކަމަށެވެ.

އެކި ނަސްލުތަކުގެ މީހުންގެ މެދުގައި އެސުއާލުކުރުމުން އެމެރިކާގެ ދޮން ނޫން މީހުންގެ 96 ޕަސެންޓް މީހުން ބުނެފައި ވަނީ މައްސުނިކޮށް ކައިވެނި ކުރުމަކީ އޯކޭ ކަމެއް ކަމަށެވެ.

ހުދު މީހުންގެ 93 ޕަސެންޓް ބުނެފައި ވަނީ މައްސުނިކޮށް ކައިވެނި ކުރުން އޯކޭ ކަމަށެވެ.

އެމރިކާގެ އާބާދީގައި 20 ޕަސެންޓް މީހުންނަކީ މިހާރު ނަސްލު މައްސުނިކޮށް ކައިވެނިކޮށްގެން އުޅޭ މީހުންނެވެ.