ބޮޑު ގައުމަކުން އައިސް ރާއްޖެފަދަ ކުޑަގައުމެއް ކާލާތަން ބަލަން ނުތިބެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާން ކޮށްފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީއައިސް މިނިވަންކަން ލިބުނަސް ގައުމެއްގެ ގޮތުގައި ހުރިހާ ފަންތިއެއްގައި ވެސް ހިފަހައްޓަންޖެހޭނޭ އުސޫލުތަކާއި ކަންކަން ހުންނާނޭ ކަމަށެވެ.

"އެއްވެސް ގައުމަކުން އައިސް ރާއްޖެ ފަދަ ކުޑަގައުމެއްގެ މިނިވަންކަމާއި އެތެރޭގެ ކަންކަމަށް ގޮތްފާޑުކިޔައި ބާރުފޯރުވިޔަދީގެން ނުވާނެ. އެ ފުރުސަތު ނުދިނުމަށްޓަކައި ގައުމުގެ ވެރީންނާއި ސިޔާސީ ލީޑަރުން މަސައްކަތް ކުރަންޖެހޭނެ. އޭގެ އިތުރުން ރައްޔިތުން ވެސް އެކަނަށް ބަސްބުނަންވާނެ. އެހެން ނޫނީ ގައުމު އަތުން ބީވެދާނެ،" ވަކި ގައުމެއްގެ ނަމެއް ފާހަގަ ނުކޮށް އުމަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތްނިމާނޭ ކަމަށާއި އެގޮތްވާން ވާނީ އެންމެހާ ރައްޔިތުންނަށް ފައިދާއާއި މަންފާކުރުވަނިވި ނިންމުމަކަށް ކަމަށެވެ.

ރާއްޖެ ގައުމަކަށް ހެދޭނީ އަމާންކަން ދާއިމް ވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަންކުރެވޭނީ ކުށްކުރާ މީހުން މަދުކޮށްގެން ނުވަތަ އެކަންކުރާ މީހުން ހުއްޓުވައިގެން ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް މާރާމާރީއާއި ވައްކަން ވެސް ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވިއެވެ. މި ކަންކަން ކުރެވޭނޭ ލީޑަރަކު ހޮވުމުގެ ފުރުސަތު ލިބުމުން އެފުރުސަތު ނަގައިނުލުމަށް ވެސް އުމަރު އެދިވަޑައިގެންނެވިއެވެ.