ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ގިނަ ގައުމުތަކުގައި ވަރަށް ބޮޑަށް ދަށްވަމުންދާއިރު، އެކަމުގައި ފާހަގަކޮށްލެވޭ އިސްތިސްނާ ގައުމަކީ އިންޑިއާއެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި މިއަހަރުވެސް އެގައުމުގެ އިގްތިސާދު 7 ޕަސެންޓް ނުވަތަ އެއަށް ވުރެ އިތުރަށް ކުރިއަރާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ކުރިމަވާ ހުރަހަކީ، ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާއި، ހަކަތައިގެ އަގު އުފުލުމާއި، ޗައިނާގައި ކޮވިޑް-19 ލޮކްޑައުން އާންމު ވުމެވެ.

އިންޑިއާގެ މުހައްލިލުން ބުނާ ގޮތުގައި ދުނިޔޭގެ އިގްތިސާދީ ލޮޅުންތައް އިންޑިއާއިން ތަހައްމަލު ކުރީ އިންޑިއާއިން އެކްސްޕޯޓު ކުރުމަށް ވުރެން ބޮޑަށް ލޯކަލް ޑިމާންޑާ ހެދި އިގްތިސާދު ކުރިއަށް ދާތީ ދުނިޔޭގެ އެންމެ ގޯސް ހާލަތުގައިވެސް އިންޑިއާއަށް ސަލާމަތްވެވިއްޖެ އެވެ.

އޭގެ އިތުރުން އިންޑިއާއިން ހިނގާފައި ވަނީ އާދަޔާ ޚިލާފު މަގަކުންނެވެ. އިންޑިއާގެ އިގްތިސާދުގައި އެންމެ މުހިންމު ކަމަކަށް ވެފައިވަނީ އާންމު އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ދަރަނިވެރިންނަށް ލުއި ދިނުމާއި، ބަލިމަޑުކަމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ކުދި އަދި މެދުފަންތީގެ ފަރާތްތަކަށް ކްރެޑިޓް ގެރެންޓީ ދިނުން ހިމެނޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް އާންމުންނަށް ފަހިކޮށް ދިނުމެވެ.

އަދި ސަރުކާރުން ސިޔާސަތުތައް ލުއި ކުރުމާއި ސިޔާސަތުތައް ބަދަލު ކުރުމުގެ ސަބަބުން އިންފްލޭޝަން އިންޑިއާގައި ނިސްބަތުން ކޮންޓްރޯލް ކުރެވިފައިވެއެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ބާރުއެޅުމާއި ދެކޮޅަށް ރަޝިޔާއިން އަގު ހެޔޮކޮށް ތެޔޮ ގަތުމުން، ދުނިޔޭގެ ހަކަތަގެ އަގު އުފުލިގެން ދިޔަނަމަވެސް އިންޑިއާގައި އިންފްލޭޝަން ހުއްޓުވުމަށް އެހީތެރިވެދީފައިވެއެވެ.

އިންޑިއާ ވަނީ އިނގިރޭސިވިލާތް ޖަހާލައި ފަސް ވަނަ އިގްތިސާދަށް ވެފައެވެ.

"އަޅުގަނޑުމެންގެ މައްޗަށް 250 އަހަރު ވެރިކަން ކުރި މީހުން ފަހަނައަޅައި ދުނިޔޭގެ އިގްތިސާދުގައި އަޅުގަނޑުމެން ވަނީ ކުރިއަށް ގޮސްފައި. ހަ ވަނަ އިން ފަސް ވަނަ އިގްތިސާދީ ބާރަށް ބަދަލުވުމުން ވަރަށް ބޮޑު އުފާވެރިކަމެއް މިއޮތީ" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ އެތައް ހާސް އަހަރެއްގެ އަޅުވެތިކަމުން ނުކުމެފައި؛ މިހާރު މިއޮތީ ފުރުޞަތު. އަޅުގަނޑުމެން ހުއްޓާނުލާނަން." އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ދުވެލި މިއަހަރު ވަރަށް ބޮޑަށް ދަށްވެ، 2.6 ޕަސެންޓަށް އެ އިގްތިސާދުތައް ތަރައްގީވާނެ ކަމަށް ލަފާކުރެވެއެވެ. އެއީ 2021 ވަނަ އަހަރުގެ ރޭޓުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނެއެވެ. އައިއެމްއެފްއިން ލަފާކުރާ ގޮތުގައި މިއަހަރު ޗައިނާގެ އިގްތިސާދު ކުރިއަރާނީ 3.3ޕަސެންޓްގައެވެ. އެއީ ކޮވިޑް-19ގެ ކުރިން 40 އަހަރު ތެރޭގައި އެ ގައުމުގެ އިގްތިސާދު ކުރިއަރާ އެންމެ ދަށް އަދަދެކެވެ.