ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ބޭރުގެ ފަރާތްތަކުން ލިބިވަޑައިގަތް ހަތަރު ހަދިޔާއެއް ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ވިއްކެވި ކަމަށް އމްރާން ޚާން އެއްބަސްވެވަޑައިގަތް ކަމަށް ލޯކަލް މީޑިއާއިން ބުނެފި އެވެ.
އިމްރާން ޚާންއާ ދެކޮޅަށް އުފުލާފައިވާ ޓޮޝަޚާނާގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން އޮފް ޕާކިސްތާނަށް އޭނާ ވަނީ ދިފާއުގައި ރައްދު ދެއްވާފައެވެ.
ޓޮޝާޚާނާއަކީ ގަވަންމެންޓް ގިފްޓް ޕޮލިސީގެ ދަށުން ޕާކިސްތާންގެ ވެރިންނަށް ބޭރުގެ ފަރާތްތަކުން ލިބިވަޑައި ގަންނަވާ ހަދިޔާތައް ޙަވާލުކުރައްވަން ޖެހޭ ސަރުކާރުގެ އިދަރާއެވެ. މިއިދާރާއަށް ހަދިޔާތައް ހުށަހެޅުއްވުމުގެ ބަދަލގައި ފައިސާއަށް އެ ހަދިޔާތައް އަމިއްލައަށް ބައްލަވައި ގަނެވިވެސް ދާނެއެވެ.
އިމްރާން ޚާން ވިދާޅުވީ 21.56 މިލިއަން ރުޕީސް ދެއްކުމަށްފަހު އޭނާ ވާނީ އެ ހަދިޔާތައް އަމިއްލައަށް ބައްލަވައިގެން ފައެވެ. އަދި އެތަކެތި ވިއްކުމުން ގާތްގަނޑަކަށް 58 މިލިއަން ރުޕީސް އޭނާއަށް ލިބިވަޑައިގެންފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެއް ހަދިޔާތަކުގެ ތެރޭގައި ގްރާފް އަތުކުރި ގަޑިއާއި ކަފް ލިންކްސް ޖޯޑަކާއި އަގުބޮޑު ގަލަމަކާއި އަނގޮޓިއެއް ހިމެނެއެވެ. އަދި އިތުރު އެހެން ހަދިޔާގެ ތެރޭގައި ހަތަރު ރޮލެކްސް ގަޑިއެއްވެސް ހިމެނެ އެވެ.
ޑޯން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުލައި 2018 އިން ޖޫން 2019 އަށް އިމްރާން ޚާނަށް ޖުމްލަ 31 ހަދިޔާ ލިބިވަޑައި ގަތެވެ.
ގަވާއިދު ބުނާ ގޮތުން އަގު އަގު ކުރާއިރު 30،000 ރުޕީސްއަށް ވުރެން އަގު ބޮޑު އެއްވެސް ހަދިޔާއެއް އަމިއްލަ އަތުގައި ނުބެހެއްޓޭނެއެވެ. ނަމަވެސް ޚާން ސަރުކާރަށް ދީފައިވަނީ ހަތަރު ހަދިޔާއެވެ.
ޕާކިސްތާން ވެރިކަން ކުރާ ކޮއެލިޝަން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް) އިން ބުނަނީ ޓޮޝްޚާނާއަށް ނުދެއްވައި ޚާން ގެއަށް ގެންދެވި ތަކެއްޗަށް ފައިސާ ދެއްވާފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ބަޔާންތަކުގެ މައުލޫމާތުތައް ފޮރުވާފައިވާ ކަމަށްވެސް ތުހުމަތު ކުރެއެވެ.
ގަވާއިދު ބުނާ ގޮތުގައި ސަރުކާރުގެ އިސްވެރިންނަށް ލިބޭ ހަދިޔާތައް ވަގުތުން ރިޕޯޓް ކުރަން ޖެހެނީ އެ ހަދިޔާތަކުގެ އަގު ވަޒަން ކުރުމަށެވެ.
މި ހަދިޔާތަކަކީ ބޭނުން ވެއްޖެ ހިނދެއްގައި ސަރުކާރުން ނީލަން ކިޔައި އޭގެ ފައިސާ ގައުމީ ޚަޒާނާއަށް ޖަމާކުރަން ޖެހޭ ތަކެއްޗެވެ.
މީޑިއާ ބުނަނީ ޖުލައި މަހުވެސް އިމްރާން ޚާން 154 މިލިއަން ރުޕީސްއަށް އަގު ބޮޑު ތިން ގަޑި ވިއްކެވި ކަމަށެވެ. ނުރަސްމީކޮށް މީޑިއާ ވާހަކަ ދައްކަވަމުން ޚާން ވިދާޅުވީ އެހަދިޔާތަކަކީ އޭނާގެ ހަދިޔާތަކެއް ކަމަށާއި އެ ހަދިޔާތައް ބެހެއްޓުމަކީ ނުވަތަ ނުބެހެއްޓުމަކީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ.
ދައުލަތުގެ މުއައްޒަފަށް ލިބޭ ހަދިޔާއާއާ މެދު އަމަލު ކުރަންވީ ގޮތުން މައުލޫމާތު ހޯދާ ލުމަށް މިލިންކު ބައްލަވާ! (ހަމައެކަނި މައުލޫމާތަށް ޓަކައި)