ޔުއެފާ ޔުރޮޕާ ލީގުގައި މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިނުގެ ރެއާލް ސޮސިއެޑާޑް އަތުން އަމިއްލަ ދަނޑުގައި 1-0 އިން މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް ރޭ ބަލިވެއްޖެއެވެ.

ޕްރިިއަރ ލީގުގައި އެންމެފުން ކުޅުނު 4 މެޗް ކާމިޔާބުކޮށް ވަރަށް ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑުން ރޭ ސޮސިއެޑާޑާ ދެކޮޅަށް ނިކުތީ އާންމުކޮށް ފުރަތަމަ އެގާރައަށް ނެރޭ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. މިގޮތުން މާކޮސް ރަޝްފާޑުގެ ބަދަލުގައި ސެންޓަރފޯވާޑަކަށް ނެރެފައި ވަނީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މުހިއްމު މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އާއި މުހިއްމު ދެޑިފެންޑަރުން ކަމުގައިވާ ރަފޭލް ވަރާން އާއި މާޓިނޭޒަށްވެސް ފުރަތަމަ އެގާރައިން ޖާގައެއް ނުދެއެވެ.

މީގެ ކުރިން ޔުނައިޓެޑާ ދެކޮޅަށް ކުޅެފައިވާ ހަތަރު މެޗުންވެސް މޮޅެއް ހޯދިފައި ނުވާ ސޮސިއެޑާޑުން ލީޑް ނެގީ މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސްޕެއިން ގައުމީ ޓީމަށްވެސް ކުޅޭ މިޑްފީލްޑަރު ބްރެއިސް މެންޑެޒްއެވެ. މިއީ ސޮސިއެޑާޑުގެ ކެޕްޓަން ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ގޯލަށް ފޮނުވާލި ހަމަލާއެއް މާޓިނޭޒް އަތުގައި އޭރިޔާގެ ތެރެއިން ޖެހުނުކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީއެކެވެ. ޔުނައިޓެޑް ކޯޗް އެރިކް ޓެންހާގާއި ކުޅުންތެރިން ވަނީ މިއީ ޕެނަލްޓީއެއް ނޫން ކަމަށް ވަރަށް ބޮޑަށް އެޕީލް ކޮށްފައެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ މާޓިނޭޒް އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.

ސޮސިއެޑާޑުން ލަނޑު ޖެހުމުގެ ކުރިން ޔުނައިޓެޑަށް ލީޑް ނަގައި ދިނުމަށް ރޭ ފުރަތަމަ ފަހަރަށް ޔުރޮޕާ ލީގް މެޗެއް ކުޅުނު ރޮނާލްޑޯއަށް ލަނޑު ޖަހާނެ ދެތިން ފުރުސަތު ލިބި ބޭކާރުވިއެވެ. ލަނޑަށްފަހު ސޮސިއެޑާޑުން ވަނީ ކުޅުން ރަގަޅު ކަމަށް އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ.

މިއީ ޔުރޮޕާ ލީގުގައި އެންމެފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ކުޅުނު 18 މެޗުގެ ތެރެއިން ބަލިވި ހަމައެކަނި މެޗެވެ. އަނެއްކޮޅުން ޔުނައިޓެޑުގެ ކޯޗް ޓެންހާގަކީ ޔޫރަޕުގެ މުބާރާތްތަކުގައި އަމިއްލަ ދަނޑުގައި މާކާމިޔާބު ކޯޗެއް ނޫނެވެ. އަމިއްލަ ދަނޑުގައި ޓެންހާގް އިރުޝާދު ދިން 20 މެޗުގެ ތެރެއިން 8 މެޗް ނިންމާލަން ޖެހުނީ ބަލިވެގެންނެވެ. އެކަމަކު ރަށުން ބޭރުގައި އޭނާ ބަލިވެފައި ވަނީ އެންމެ 2 މެޗުންނެވެ.

މިސީޒަނުގެ ޔުރޮޕާ ލީގުގެ ފުރަތަމަ މެޗުންވީ ބައްޔާއެކު ޔުނައިޓެޑް އޮތީ ގްރޫޕް އީގެ 3 ވަނައިގައެވެ. އެއްވަނައިގައި ސޮސިއެޑާޑް 3 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ޝެރިފްވެސް އޮތީ 3 ޕޮއިންޓާއެކުއެވެ. ގްރޫޕް ފުލުގައި އޮތީ އޮމޯނިއާ އެފްސީއެވެ.