ޗާލްސް ރަސްގެފާނު 3 ވަނަ އަށް އިނގިރޭސި މީޑިއާއިން ކުރިން ޖޯކު ޖަހާފައި ވަނި އަމީރުލްމުއުމިނީން ޗާލްސް ކަމަށް މުޚާތަބު ކުރަމުންނެވެ.
އިސްލާމްދީނާ މެދު ޝައުގުވެރިވެ ވަޑައި ނުގަންނަވާ ކަމަކަށް ޗާލްސް އިންކާރެއް ނުކުރައްވައެވެ. ޗާލްސްއަކީ އޮކްސްފޯޑް ސެންޓަރ ފޯ އިސްލާމިކް ސްޓަޑީޒްގެ ޕެޓްރަންއެކެވެ. އަދި އެ ސެންޓަރުގައި އޮންނަ ބައްދަލުވުންތަކުގައި މީހުންނާ ބައްދަލު ކުރައްވާއިރު އައްސަލާމް އަލައިކުމް އޭ ވިދާޅުވެ ބައްދަލުކުރައްވައެވެ.
ވަކީ ޢަހުދަކަށް ހުންނެވިއިރު ޗާލްސް ރަސްގެފާނު ވިދާޅުވެފައި ވަނީ ބޭނުންފުޅުވަނީ ގިނަ ދީންތަކެއް ހިމެނޭކަމަށް ގަބޫލުކުރައްވައި އިންގްލެންޑްގެ ފައްޅީގެ އެންމެ އިސްފަރާތްކަމުގައި ވެވަޑައިގަތުމަށް ވުރެން "އަގީދާތައް ދިފާއުކުރާ" ރަސްކަލެއްގެ ގޮތުގައި ހުންނަވާށެވެ.
އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ އަދި އިސްލާމްދީނާ ބެހޭ ބައެއް ފޮތްތައް ލިޔުއްވި ލިޔުއްވާފައިވާ "ދަ ފަސްޓް މުސްލިމް: ދަ ސްޓޯރީ އޮފް މުހައްމަދު" ފަދަ ފޮތްތަކެއް ލިޔުއްވި ލެސްލީ ހެޒްލްޓަން ވިދާޅުވާ ގޮތުގައި އަވަހާރަވެފައިވާ އިނގިރޭސި ރާނީއާއި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާއާ ސީދާ ގުޅުވުމަކީ ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެކެވެ.
އިޒްރޭލަށް ދަތުރެއް ކުރައްވާފައި ނުވާ ރާނީ، ދުނިޔޭގެ ބޮޑު ދީން އިސްލާމް ދީނަށް ދެއްވި "އިޙްތިރާމާއި ގަދަރު" ސިއްރެން ނޫން ކަމަށް ހެޒްލްޓަން ވިދާޅުވެއެވެ.
އިނގިރޭސިންގެ ނަސްލުތަކާ ބެހޭ ދިރާސާތައް ކުރާ ނަސްލުގެ ޢިލްމުވެރިން ކަށަވަރުކޮށްދެއްވާފައިވާ ފަދައިން ރާނީ އެލިޒަބަތު ދެވަނަ އަކީ ސަލާމާއި ސަލަވާތް ލެއްވި މުޙައްމަދު ނަބީ ކަލޭގެފާނުގެ 43 ޖީލާ ހަމައިން މުނި ކާފަދަރި ފުޅެކެވެ.
މި ވާހަކައަކީ އިނގިރޭސިވިލާތުގެ މީޑިއާއާއި މޮރޮކޯގެ މީޑިއާގައި އެކިފަހަރު މަތިން ޝާއިއުކޮށް ބަހުސްކޮށްފައިވާ ވާހަކައެވެ.
މޮރޮކޯގެ ހަފްތާ ނޫހެއް ކަމަށްވާ އައްސަހީފާ އަލް އޫސްބޫއާގައި ޝާއިއުކުރި ތަފްސީލީ ފެމިލީ ޓްރީއެއްގައި އެލިޒަބަތު ރާނީގެ ނަސްލު ގުޅުވާފައި ވަނީ ސްޕެއިންގެ އަންދަލުސް ސަރަހައްދުގައި ސެވިލްގެ ފުރަތަމަ މިނިވަން ސުލްތާން އަބޫ އަލްޤާސިމް މުޙައްމަދު ބިން ޢައްބާދު އާއެވެ. ވައިން ބެއްލެވުމާއި ޢައްޔާޝީގައި މަޝްހޫރު ވެފައިވާ ސުލްތާނަކީ ސަލާމާއި ސަލަވާތް ލެއވި ކީރިތި ރަސޫލާއަށް ޢަލީގެފާނުގެ ދަރިފުޅު ޙަސަން މެދުވެރިކޮށް ގުޅިވަޑައިގަންނަވާ ބޭފުޅެކެވެ.
މި ފެމިލީ ޓްރީން ދޭހަވަނީ އަބޫ އަލްޤާސިމް މުޙައްމަދު ބިން ޢައްބާދުގެ ކާފަދަރިފުޅު އަމީރާ ޒައިދާގެ ގަނޑުވަރަށް ދިން ޙަމަލައެއްގައި އެކަމަނާ އަސީރަކަށް ހެދުމަށްފަހު ސްޕެއިންގެ ރަސްގެފާނަށް ވެދުން ކުރީ ކަމަށެވެ. އަދި އެކަމަނާ އެހިސާބުން ނަޞާރާދީނަށް ބަދަލުވެވަޑައިގެން އިޒަބެލާ ނަންފުޅަށް ނަންފުޅު ބަދަލު ކުރެއްވިއެވެ. އަދި 11 ވަނަ ޤަރުނުގައި ކަސްޓިލްގައި ރަސްކަން ކުރެއްވި އަލްފޮންސޯ ރަސްގެފާނު 4 ވަނަ އާއި ކައިވެނި ބައްލަވައިގަތެވެ.
އިނގިރޭސި ޝާހީ އާއިލާއަށް ޤުރައިޝް ވަންހައިގެ ލޭ ވަދެފައިވަނީ ކަސްޓިލްގެ އިޒާބެލާ ޕެރޭޒްއަށް 1375ގައި ލިބިވަޑައިގަތް ރިޗަޑް އޮފް ކޮނިސްބާގް މެދުވެރިކޮށެވެ.
އެއާއެކު އިނގިރޭސިވިލާތުގައި ރަސްކަން ކުރެއްވި ރަސްގެފާނު ޖޯޖް 1ވަނަ އަދި ދެވަނަ އަދި ތިންވަނައާއި ސްކޮޓްލޭންޑްގެ މޭރީ ރާނީ އަދި އިނގިރޭސިވިލާތުގެ އެޑްވާޑް 4 ވަނަ ރަސްގެފާނާއި މިއެންމެ ބޭފުޅުންގެ ހަށިކޮޅުގައި ޤުރައީޗް ވަންހައިގެ ލޭ ދައުރު ކުރާނެއެވެ.
ތާރީޚް ލިޔުންތެރިން ލަފާކުރާ ގޮތުގައި އިނގިރޭސި ޝާހީ ޚާންދާނާއި ކައިވެނި ކުރުމަކީ ކުރީގެ ގަރުނުތަކުގައި އާންމު ކަމެކެވެ.
“ރާނީގެ ކާބަފައިންނަކީ ޙަސަން ބިން ޢަލީގެ ދަރިފަސްކޮޅަކަށް ވުމަކީ މުޅިންވެސް ވެދާނެ ކަމެކެވެ. ސަލާމާއި ސަލަވާތް ލެއްވި މުޙައްމަދު ނަބިއްޔާ އަވަހާރަވުމަށްފަހު އެކަލޭގެފާނުގެ އާއިލާއާއި ހަސަން ބިން ޢަލީގެ ދަރިފަސްކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ޚާއްޞަކޮށް އުތުރު އެފްރިކާއަށް ހިޖުރަކުރިއެވެ." އިނގިރޭސިވިލާތުގެ އެންމެ މަގްބޫލު މުސްލިމް ނޫސް ދަ މުސްލިމް ނިއުސްގެ އެޑިޓަރ އިން ޗީފް އަހުމަދު ވަރްސީ އަލް އަރަބިއްޔާއަށް ދެއްވި އިންތަރވިއުއެއްގައި ވިދާޅުވި އެވެ.
އައްސަޙީފާ އަލްއުސްބޫއާގައި ޢަބްދުލްޙަމީދު އަލްޢައުނީ ލިޔުއްވަނީ "މޮރޮކޯއާއި ސްޕެއިންއާއި ޔޫރަޕްގައި ވެރިކަން ކުރެއްވި ރަސްރަސްކަލުންގެ ހަށިކޮޅުގައި ކީރިތި ރަސޫލާގެ ލޭ ދައުރުވި: ކަމަށެވެ.
މިވާހަކައިން އިގިރޭސި ރަސްކަން އެންމެ ގިނަ ދުވަހަށް ކުރެއްވި ރާނީ އެލިޒަބަތު ވެވަޑައި ގަންނަވާނީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ އާއި އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނަގެ އާއިލީ ބޭފުޅުންގެ ތެރޭގައެވެ.
ކީރިތި ރަސޫލާއާއި ރާނީއާ އެންމެ ފުރަތަމަ ގުޅުވައި ލިޔުން ޝާއިއުކުރެވުނީ 1986 ވަނަ އަހަރު އެވެ. އެ ދިރާސާ ހަދާފައި ވަނީ މިދިޔަ 190 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މަތީ ދަރަޖައަށް ޝާހީ ޚާންދާންތަކުގެ ނަސްލުތައް ދިޜާސާކުރާ މުއައްސަސާއެއްކަމަށްވާ ބާކްސް ޕިއަރޭޖް އިންނެވެ. އެ މުއައްސަސާގެ ޕަބްލިޝިން ޑައިރެކްޓަރު އަދި އިނގިރޭސި ޝާހީ ދާއިރާއާ ބެހޭ އެންމެ ފުންނާބު އުސް އިލްމުވެރިޔާ ހެރޮލްޑް ބްރޫކްސް-ބޭކަރ، އޭރުގެ އިނގިރޭސި ބޮޑު ވަޒީރު މާގްރެޓް ތެޗާގެ ސަމާލުކަމަށް ރާނީގެ ނަސަބު ގެންނެވިއެވެ. އަދި ދުނިޔޭގައި އިތުރު ވަމުން ދިޔަ ޓެރަރިސްޓް ހަމަލާތަކުން ރާނީ ސަލާމަތް ކުރެއްވުމަށް އެ ސަބަބާ ހެދި އިނގިރޭސި ސަރުކާރުން ޚާއްސަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ތެޗަރއަށް ސިޓީއަކުން ދެންނެވިއެވެ.
"ޝާހީ އާއިލާއަކީ ކީރިތި ރަސޫލާގެ ދަރިކޮޅު ކަމަށް ބަރޯސާކޮށްގެން މުސްލިމު ޓެރަރިސްޓުންގެ ކިބައިން ޝާހީ އާއިލާ ރައްކާތެރިއެއް ނުކުރެވޭނެ" ބްރޫކްސް-ބެކަރ ތެޗާއަށް ލިޔުއްވި ސިޓީގައި ވިދާޅުވިއެވެ.
އެ ވާހަކައަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބޭނެ ކަމަކަށްވާނެ ބައްލަވައިގެން އޭނާ އިތުރަށް ވިދާޅުވީ، "މުހައްމަދުގެފާނުގެ ލޭ ރާނީގެ ނާރުކޮޅުތަކުގައި ދައުރުވާކަން އިނގިރޭސި މަދު ރައްޔިތުންނަކަށް ނޫނީ ނޭނގޭނެ ކަމަށެވެ. އެކަމަކު އެއީ ހުރިހާ ދަންނަބޭކަލުން އެހަގީގަތާ މެދު ފަޚުރުވެރިވާ ވާހަކައެކެވެ." ބޭކަރ ލިޔުއްވިއެވެ.
ރާނީގެ ޖީނިއަލޮޖިކަލް ރެކޯޑްތަކަށް މެދުތެރޭ އަހަރުތަކުގެ ސްޕެއިންގެ ލިޔުންތަކުން ތާއީދު ލިބެއެވެ.
މިސްރުގެ ކުރީގެ މުފްތީ ޑރ. ޢަލީ ޖުމްޢާވެސް ވަނީ އެ ރަސޫލާގެ ނަސަބަށް ރާނީ ގުޅިވަޑައިގަންނަވާކަން ޔަގީން ކޮށްދެއްވާފައެވެ.
ނިއުސްވީކްގެ 2018ގެ ޑިސެމްބަރު މަހު މިކަމާ ބެހޭ ގޮތުން ތަފްސީލީ ރިޕޯޓެއް ޝާއިއުކޮށްފައި ވެއެވެ. އަދި އިކޮނިމިސްޓްގައި އެ އަހަރުގެ އެޕްރީލް މަހުވެސް ދިރާސާ ރިޕޯޓެއް ޝާއިއުކޮށްފައި ވެއެވެ.
ބައެއް ފަރާތްތަކުން ޔަގީންކަމާއެކު މިވާހައަކަށް ބަލާފައިވާއިރު އެހެން ބަޔަކު ވަނީ ޝައްކުގެ ނަޒަރަކުން ބަލާފައެވެ. ކޮނމެ ބައެއްވެސް އެބައެއްގެ ފަސްމަންޒަރާއެކު އަމިއްލަ ލެންސަކުންނެވެ.