ދިވެހި ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުން، 195 ދަރިވަރަކު ހުވައިި ކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ 18 އަންހެނުްނާއި 177 ފިރިހެން ސިފައިންނެވެ. އޭގެ ތެރެއިން 194 ދަރިވަރުންނަށް ވަނީ ބަޑި ހަވާލުކޮށްފައެވެ.
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގައި މިކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.
މި ރަސްމިއްޔާތުގައި އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވައި ލައިދެއްވީ ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ސުލައިމާން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ސިފައިންނަށް ހަތިޔާރު ހަވާލުކުރާއިރު އަންގަވާ އެންގެވުން އިއްވައިދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދަރިވަރުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސިފައިން މިއަދު ކުރެއްވި ހުވައަކީ، ވަރަށް މަތިވެރި ޤައުމީ ޚިދުމަތެއްގައި ދެމިތިބުމަށް ކުރެއްވި ހުވައެއްކަމާއި، އެހެންކަމުން ސިފައިންގެ އެންމެފަހު ވިންދާ ޖެހެންދެން ވެސް ޤައުމީ ޖިހާދުގެ މައިދާނުގައި ސާބިތުވެތިބުމަށް އިލްތިމާސް ކުރެއްވިއެވެ. ސިފައިންގެ މީހަކަށް ވުމަކީ އޭގެ ޒާތުގައި އެމީހަކަށް ލިބޭ ވަރަށް ޝަރަފުވެރި ޤައުމީ މެޑެއްޔެއްކަމާއި އަދި އެ ޝަރަފާއި ފަޚުރު ދެމިއޮންނާނީ ޤައުމުގެ ދިފާޢަށްޓަކައި އެމީހަކު ޤުރުބާންވާ މިންވަރެއްގެ މައްޗަށްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.