ގެއްލުނު މީހުން ހޯދުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް އިސްލާމްއާބާދު ހައިކޯޓުން ޕާކިސްތާން ސަރުކާރަށް ދެ މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ. އަދި އެ މައްސަލާގައި ،މިހާތަނަށް އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާކަމަށް ބުނެ އެކަމާ ގުޅިގެން ޕާކިސްތާން ސަރުކާރަށް ފާޑުކިޔާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޕާކިސްތާނުގެ ލޯކަލް މީޑިއާ ދަ އެކްސްޕްރެސް ޓްރިބިއުން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްލާމްއާބާދު ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު އަސަރު މިނަالله ވަނީ ސަރުކާރަށް ސަރުކާރުގެ ދަށުގައިވާ މުއައްސަސާތައް ކޮންޓްރޯލުޖ ނުކުރެވޭނަމަ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޕާކިސްތާނު އާންމު ރައްޔިތުން ގެއްލުމަކީ ސިރިއަސް މައްސަލައެއް ކަމަށެވެ. އަދި ބޮޑު ވަޒީރު އެކަން ހިނގައި ދިޔަ ގޮތް ސާފުކޯށްދެއްވަން ޖެހިވަޑައި ގަންނަވާނެ ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ޖުލައި މަހުގެ ކުރީކޮޅު ކޯޓުން ވަނީ ނޫސްވެރިޔާ މުދައްސަރު ނާރޯ ހިމެނޭ ގޮތަށް ގެއްލިގެން ހޯދަމުންދާ ހަ މީހަކު ހޯދައި ކޯޓަށް ހާޒިރު ކޮށް އެމީހުން ދެއްކުމަށް ސަރުކާރަށް ސެޕްޓެމްބަރާ ހަމައަށް މުއްދަތު ދީފައެވެ. ކޯޓުން ބުނެފައި ވަނީ އެކމާ ގުޅިގެން ދެން ބާއްވާ އަޑުއެހުން އިންޕާސަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޕާކިސްތާނުން ސަރުކާރުން މި މައްސަލާގައި އެދެވޭ މައްސަކަތެއް ނުކުރާކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ކޯޓުގައި ކުރިއަށްދާތާ މިހާރު އެތައް މަހެއް ވެއްޖެ ކަމަށެވެ.
މި މައްސަލާގެ ޝަރީއަތުގައި ކޯޓަށް ހާޒިރުވެވަޑައިގެން އިންނެވި ބޮޑު ވަޒީރު ޝެހުބާޒް ޝަރީފް ވިދާޅުވީ ގެއްލިފައިވާ ހުރިހާ މީހުން އެނބުރި އަންނާނެ ކަމަށް ވައުދު ނުވެވޭނެ ކަމަށާއި އެކަމަކު އެމީހުން ހޯދުމަށް ސަރުކާރުން ނުފޮރޮޅާނެ ގަލެއް ނޯންނާނެ ކަމަށެވެ.
ޝަހްބާޒް ޝަރީފް ވަނީ ގެއްލިގެން ހޯދަމުންދާ މީހުންގެ އާއިލާތަކާވެސް ބައްދަލު ކުރައްވާފައެވެ. މި މައްސަލާގައި ބޮޑު ވަޒީރު ޝަރީފްއެކުލަވާލެއްވި ކޮމިޓީއާއި އެކަމުގައި ޝަރީފް ކުރެއްވި މަސައްކަތްތަކަށް އުއްތަމަ ފަނޑިޔާރު ތައުރީފް ކުރެއްވިއެވެ.
"ކޯޓުގެ ކުރިމަތީގައި މި މައްސަލައަށް ވުރެ ބޮޑު މައްސަލައެއް ނެތް،" ކަމަށާއި އަދި ބަލޫޗް ކިޔަވާ ދަރިވަރުންގެ މައްސަލަތަކަކީ "އެންމެ ކަންބޮޑުވާ" މައްސަލަތައް ކަމަށާއި ގަދަކަމުން މީހުން ގެއްލުވާލުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކުރިއަށް ގެންދާ މައްސަލައެއް ކަމަށް ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން މީހުން ގެއްލުވާލުމުގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވާކަމަށް ބެލެވޭތީ އެކަމާ މެދު ހިތާމަ ކުރާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ނިޒާމުން ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ އަޑުއެހުން ދެން އޮންނާނީ ނޮވެމްބަރު 14 ގެ ފަހުން ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.