ޗައިނާގެ ޑްރޯންތަކުން ދައްކައި ދެނީ ބެއިޖިންގއިން ކުރިއަށް ގެންދާ ބިރުދެއްކުމާއި ނަފްސާނީ ހަނގުރާމައިގެ ކެމްޕޭންގެ އުކުޅުތަކެވެ. ިނަގިނައިން ޓައިވާން ސަރަހައްދަށް ވަދެގަތުމުގެ ސަބަބުން ޓައިވާނުގެ ސަރުކާރަށް ވަނީ ޗައިނާ ޑްރޯންތަކަށް ވަރުގަދަ ރައްދެއް ދިނުމަށް ޕްރެޝަރު ބޮޑުވެގެން ގޮސްފައެވެ. ޓައިވާނުގެ ސިފައިން ޗައިނާގެ އުދުވާނީ އަމަލުތަކާ ކެރިގެން ކުރިމަތިލާނެ ކަމުގެ އިންޒާރު ޓައިވާން ރައީސް ޓްސައި އިންގް ވެން ޗައިނާއަށް ދެއްވައިފައިވެއެވެ. ސިފައިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "އަޅުގަނޑުމެން މައްސަލަތައް ނުއުފެދާނަން، އަޅުގަނޑުމެނަށް އަމިއްލަ ނަފްސު ހިފެހެއްޓޭނެ، އެކަމަކު އޭގެ މާނައަކީ އަޅުގަނޑުމެން ރައްދު ނުދޭނެ ވާހަކައެއް ނޫން" ޓައިވާން ކަނޑުއޮޅީގައި އޮންނަ ޕެންގްހޫ އައިލެންޑްސްގައި ދެއްކެވި ވާހަކަފުޅުގައި ޓައިވާންގެ ރައީސް ވިދާޅުވި އެވެ.

ޗައިނާއަށް އަސްކަރީ ޑްރޯންތައް ބޭނުންކޮށްގެން ޖާސޫސީ މައުލޫމާތު އެއްކުރެވިދާނެ އެވެ. މަދަނީ ޑްރޯންތަކަކީ ޓައިވާނުގެ އިމޭޖު ހުތުރުކޮށްލުމަށް އަމާޒުކޮށްގެން ޗައިނާއިން ކުރިއަށް ގެންދާ ޑޮމެސްޓިކް ޕްރޮޕެގެންޑާގެ އާ ވައްތަރެކެވެ.

ޗައިނާގެ ސޯޝަލް މީޑިއާގައި ވަނީ ޗައިނާގެ ޑްރޯނަކުން ނަގާފައިވާ ފޮޓޯތަކެއް ދައްކައިލާފައެވެ. އޭގައި ފެންނަނީ ޓައިވާނުގެ ސިފައިންގެ ދެމީހަކު ޑްރޯން ފެނުމުން ހައިރާންވެފައި ތިބި މަންޒަރެވެ. ބަައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ޗައިނާގެ ސިޓީއެއް ކަމަށްވާ ޝިއާމެންގެ އުސް އިމާރާތްތަކާއި ޓައިވާންގެ ޖަޒީރާތަކުގައި ތިބި ޓައިވާނުގެ ސިފައިންގެ ނިކަމެތި ހާލަތު އަޅާކިޔާފައި ވެއެވެ.

ޗައިނާ މީހުން ވަނީ މީސްމީޑިއާގައި ދެއްކި ވާހަކަތަކުގައި ޓައިވާން ސިފައިން ޑްރޯންތަކަށް އޮށްގައު އުކި ކަމަށް ބުނެ ޓައިވާން ސިފައިންނަށް މަލާމާތްކޮށްފައެވެ.

އެމެރިކާގެ ގާނޫނު ހަދ ާމަޖިލީހުގެ ރައީސ ްނެންސީ ޕެލޯސީގެ ދަތުރަށްފަހު ޗަިއނާއިން ޕްރެޝަން ކުރަން ފެށިފަހުން ޗައިނާއިން ޓައިވާން ސަރަހައްދަށް ވައްދަން ފެށި ޑްރޯންތަކަށް ޓައިވާނުގެ ސިފައިން އަޅައެއް ނުލިއެވެ. ނަމަވެސް ފަހުން ޑްރޯންތައް އިތުރުވަމުން ދިޔަވަރަކަށް ސިފައިން ދިޔައީ އިންޒާރުދީ ބަޑިޖަހަމުންނެވެ. އެންމެ ފަހުން ސިފައިންގެ ހަމަލައެއްގައި އެއް ޑްރޯން މޫދަށް ވެއްޓުނެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހަތިޔާރު ނާޅާ 30 ހަކަށް ޑްރޯން ވަނީ ޗައިނާގެ ދެކުނު އައްސޭރިފަށާ ކައިރީގައި އޮންނަ ޓައިވާންގެ ދެ ޖަޒީރާ މަތިން އުދުހިފައެވެ. އެއީ ސިވިލިއަން ނުވަތަ މިލިޓަރީ ޑްރޯންތަކެއް ކަމެއް ސާފެއް ނޫނެވެ. އެ ޑްރޯންތައް ވަނީ ކދެ ޖަޒީރާގައި ތިބި ޓައިވާނުގެ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށްފައެވެ.

މިހާރު އުފެދޭ ސުވާލަކީ ކުރިއަށް އޮތްތާނގައި ޗައިނާގެ ވައިގެ ސަރަހައްދަށް ވަދެދާނެ ޑްރޯން ފްލައިޓްތަކަށް ޓައިވާނުން ދޭނީ ކޮން ރައްދެއް ތޯއެވެ؟

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ހަނގުރާމަ މަތިންދާބޯޓުތަކުގެ އިތުރުން ޗައިނާގެ ސިފައިން ޓައިވާނާ ކައިރި ވައިގެ ސަރަހައްދަށް ހަތަރު ޑްރޯން ފޮނުވާފައިވާ ކަމަށް ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ޗައިނާއިން މިދިޔަ ބުރާސްފަތި ދުވަހު ޓްވިން ޓޭލްޑް ސްކޯޕިއަންގެ ނަމުން ވެސް ނަންދެވިފައިވާ ކޮމްބަޓް ޑްރޯން ޓީބީ-001 އާއި ހުކުރާއި ހޮނިހިރު ދުވަހު ދެ ރިކޮނައިސަންސް ޑްރޯން އުދުއްސާފައިވާ ކަމަށް ޓައިވާނުން ބުނެ އެވެ.

ޓައިވާނުން ވަނީ ޗައިނާ ޑްރޯން ވައްޓާލުމަށްފަހު، ޑްރޯންގެ ސިގްނަލަށް ހުރަސްއަޅާ އިތުރު ޑްރޯން ޖެމަރސް ސިފައިންގެ މަރުކަޒުތައް ހުންނަ ކިންމެން އަދި މަޓްސޫ އައިލެންޑްސްގައި މިހާރު ބަހައްޓާފައެވެ.