ޗައިނާގެ ހުޅަނގު ދެކުނުގެ ސިޓީ ޗެންގްޑޫ ފުރަބަންދަކަށް ދިޔައިރު ރައްޔިތުން ދުވެފައި ދިޔައީ އެމީހުންގެ ލޯކަލް މާރުކޭޓްތަކުގައި އެމީހުންނަށް ލިބުނު ކޮންމެ އެއްޗެއް ހޯދައި އެއްކުރާށެވެ. ޗެންޑޫ ލޮކްޑައުނަކަށް ގޮސްފައި ވަނީ 1 ސެޕްޓެމްބަރުގައެވެ.
ސުޕަމާކެޓްގައި ވިޔަފާރި ކުރުމަށް އަވަސްވެގަތް މީހުންގެ ތެރޭގައި އުމުރުން 42 އަހަރުގެ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ ހޫއަންގް ވެސް ހިމެނުނެވެ.
މަހާއި ތަރުކާރީ ކައުންޓަރުގައި އޭނާ ހުއްޓައި މީހަކު ހަޅޭއްލަވައިގަތީ "ކްލޯސް ކޮންޓެކްޓެއްގެ ގޮތުގައި ދެނެގަނެވޭ މީހަކު މިތާ އެބަހުރި. މިތަން ލޮކްޑައުން ވާނެ!" ކަމަށެވެ. ސާމާނުކޮޅު ދޫކޮށްލުމަށްފަހު ދަރިފުޅާއެކު އަވަހަށް އޭނާ މިސްރާބު ޖެހީ ގެއާ ދިމާއަށެވެ.
އޭގެ ހަފްތާއެއް ފަހުން 21 މިލިއަން މީހުން ދިރިއުޅޭ ޗެންޑޫ ސިޓީގެ ލޮކްޑައުން މުއްދަތެއް ނެތް ގޮތަށް އިތުރުކުރިއެވެ.
އެއީ ކިހާ ދުވަހަކާށް ކުރިއަށް ގެންދާނެ ކަމެއް ކަންވެސް ނޭނގެއެވެ. އެހެންވެ، ހޫއަންގް ކަންބޮޑުވީ އޭނާގެ އުމުރުން ދުވަސްވީ މައިންބަފައިންނާ މެދުގައެވެ.
އެއިން އެކަކަކީ ކޮންމެ ދެ ހަފްތާއަކުން ކިޑްނީ ޑައިލިސިސްއަށް ހޮސްޕިޓަލަށް ގެންދަން ޖެހޭ މީހެކެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ބާއްވާ 20 ވަނަ ކޮންގްރެސްގެ ކުރިން ކޮރޯނާ ވައިރަސް ފެތުރޭ މައްސަލަތައް ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދެގުނައަށް މަސައްކަތް ޑަބަލް ކޮށްފައި ވެއެވެ. ނޫންނަމަ މަގާމު ގެއްލުމުގެ ފުރުސަތ ބޮޑެވެ.
ލޮކްޑައުން ކުރުމުން މުޅި ޗައިނާގެ 33 ސިޓީއެއްގައި ގާތްގަނޑަކަށް 65 މިލިއަން މީހުން ވަނީ ބައިކުޅަ ބައި ލޮކްޑައުންއަށް ނޫނީ ފުލް ލޮކްޑައުންއަކަށް ގޮސްފައެވެ.
ފަސް އަހަރުން އެއް އަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ޗައިނާގެ ލީޑަރުގެ މަގާމުގައި ހުންނެވި ޝީ ތިންވަނަ ދައުރެއް ކަށަވަރު ކުރައްވާނެ ކަމަށް ބެލެވެއެވެ.
އެކަމަކު ހުޅަނގު ދެކުނު ޕްރޮވިންސް ސިޗުއާންގެ ވެރިރަށް ޗެންގްޑޫގައި ލިބުނު ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ މަދު ބަޔަކަށެވެ. ފާއިތުވި މަސްތަކުގައި ޗެންޑޫއަށް ގަދަ ހޫނާއި ކުރިމަތިލާން ޖެހުމުން، ކަރަންޓް ކެނޑުމާއި، އަދި ފުރަބަންދުތަކުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. އެންމެ ފަހުން އެސަރަހައްދަށް 6.8ގެ ބާރުމިނުގައި ބިންހެލުމެއްވެސް އައިސްފައި ވެއެވެ. އަދި ވަށައިގެންވާ ސަރަހައްދުގައި 65 މީހުން މަރުވެފައިވެއެވެ.
ޗެންޑޫއަކީ ޝަންހާއީއަށްފަހު ކޮވިޑް-19 ހައްލު ކުރުމަށް ފުރަބަންދަށް ދުއްވާލި ޗައިނާގެ އެންމެ ބޮޑު މެޓްރޯޕޮލިސްއެވެ. ކުރިން ލޮކްޑައުންގެ މުއްދަތު އެންމެ ހަތް ދުވަހަށް ބޭއްވި ނަމަވެސް ފަހުން، މުއްދަތެއް ނެތް ގޮތަށް ފުރަ ބަންދު އިތުރު ކުރުމުން ގިނަ ރައްޔިތުންގެ މެދުގައި ވަނީ ހާސްކަމާއި މާޔޫސްކަންެ އިހުސާސް ކުރެވިފައެވެ.
ޗައިނާގައި ބައެއް މީހުން ބުނަނީ މި ބަލިމަޑުކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މަދަނީ ހައްގުތައް ހުއްޓުވުމަށް ސަރުކާރަށް ފުރުސަތެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ސިޗުއާންގެ އަވަށްޓެރި ގުއިޒޯ ޕްރޮވިންސްގެ ވެރިރަށް ގުއިޔަންގްގައި ރުޅިވެރިކަމާއި ބިރުވެރިކަން ދަނީ އުފެދެމުންނެވެ. ހަފްތާއަކަށް ވުރެ ގިނަ ދުވަހު ފުރަބަންދުކުރުމަށް ފަހު، ގާތްގަނޑަކަށް ފަސްލައްކަ މީހުންގެ އާބާދީއެއް އޮންނަ ލޮކްޑައުންކޮށްފައިވާ މީހުން ދިރިއުޅޭ ހޫއަގުއޯޔުއާންގެ ރައްޔިތުން ވަނީ އެތައް ދުވަހެއް ވަންދެން ކާބޯތަކެތި ހޯދައި ދީފައި ނުވާތީ ޝަކުވާކޮށްފައެވެ.
އެ ހިސާބަށް ލޮކްޑައުން އައީ ކުއްލިއަކަށް އިންޒާރެއް ނެތިއެވެ. ގޭގައި މީހުން މުޅިން ތާށިވެ، ކާބޯތަކެތި ހުސްވާން ފެށުމާ އެކު ގިނަ ބަޔަކު ބުނަނީ މާޔޫސްކަން އިތުރުވަމުންދާ ކަމަށެވެ. މީހުންގެއިން ނިކުތުންް ހުއްޓުވުމަށް ބިލްޑިންގތަކުގެ ލިފްޓްތައް ވަނީ ނިއްވާލައިފި އެވެ.