ރަޝިޔާގެ ތެލުގެ އަގު ކަނޑައެޅުމަށް ޖީ7 ގެ ގައުމުތަކުން މަސައްކަތް ކުރަމުން ދާއިރު މޮސްކޯއިން ބުނެފައި ވަނީ މިހާރު އިންޑިއާއަށް ވިއްކަމުންދާ އަގަށް ވުރެން ދަށް އަގެއްގައި މޮސްކޯއިން ޕެޓްރޯލް ވިއްކަން ތައްޔާރަށް އޮތް ކަމަށެވެ.

އިންޑިއާއަށް އަގު ހެޔޮކޮށް ތެޔޮ ވިއްކަން އީރާނާއި އިރާގުންވެސް ޝައުގުވއރިކަން ފާޅުކޮށްފައި ވެއެވެ. ބެލެވޭ ގޮތުގައި މޮސްކޯއިން މިހާރު އިންޑިއާއަށް ހުށަހަޅަން އުޅޭ އަގަކީ އިރާގުން ކުރިން ހުށަހެޅި ޑިސްކައުންޓް އަގަށް ވުރެންވެސް ރަގަޅު އަގެކެވެ.

މެއި މަހު ރަޝިޔާގެ ސާފުނުކުރާ ތެޔޮ ފީފާއަކުން އިންޑިއާއަށް 16 ޑޮލަރު އަގުހެޔޮކޮށް ލިބިފައި ވެއެވެ. އިންޑިއާއަށް ސާފުނުކުރާ ތެޔޮ އިމްޕޯޓްކުރާ އެވްރެޖް އަގަކީ ފީފާއަކަށް 110 ޑޮލަރެވެ.

އޮގަސްޓް މަހުގެ ނިޔަލަށް ރަޝިޔާގެ ސާފުނުކުރާ ތެލުގެ އަގު އެވްރެޖްކޮށް ހުރީ އިމްޕޯޓްކުރާ އަގަށް ވުރެ ހަ ޑޮލަރު ދަށް ކޮށްކަމަށް އޮފިޝަލުން ބުނެ އެވެ.

ރަޝިޔާއިން އިންޑިއާއަށް އަގު ހެޔޮކޮށް ތެޔޮ ވިއްކުމުގެ ސަބަބުން އިންޑިއާއަށް ބޭނުންވާ ހުރިހާ ތެލެއްގެ 18.2 ޕަސެންޓް މޮސްކޯއިން ލިބެއެވެ.

އިންޑިއާއަށް ތެޔޮ އެންމެ ގިނައިން ސަޕްލައި ކުރާ އަނެއް ދެގައުމަކީ ސައުދީ އަރަބިއްޔާ (20.8 ޕަސެންޓް)، އަދި އިރާގު (20.6 ޕަސެންޓް) އެވެ.

ޖީ7 ގައުމުތައް ކަމަށްވާ ކެނެޑާ، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، އިނގިރޭސިވިލާތް، އަދި އެމެރިކާއާއެކު ޔޫރަޕިއަން ޔޫނިއަން އިން މިހާރު ދަނީ ރަޝިޔާއިން ގަންނަ ތެލުގެ އަގު ކުޑަކުރުމަށް ބާރުއަޅަމުންނެވެ.

ހުޅަނގުގެ އެކުވެރި ގައުމުތަކުން އުންމީދު ކުރަނީ ހަކަތަގެ އަގު އުފުލިގެން ދިއުމުން ފައިދާ ލިބެމުންދާ މޮސްކޯއަށް މާލީ ގޮތުން ފިއްތާލުމަށްޓަކައި، ޔޫކްރޭން ހަނގުރާމައަށް މޮސްކޯއަށް ބޭނުންވާ ފައިސާގެ ވަސީލަތް ކަނޑާލާށެވެ.