ނިދުމުގެ މުބާރާތެއް ކާމިޔާބުކޮށްގެ އިންޑިއާގެ ކަލްކަތާގެ ޒުވާން އަންހެނަކު 5 ލައްކަ ރުޕީސް (6،265 އެމެރިކާ ޑޮލަރު) ހޯދައިފިއެވެ.

26 އަހަރުގެ ތްރިޕަރްނާ ޗަކުރަބަތީ އަށް އޭނާ އެންމެ ބޭނުންވި ވަޒީފާ އާއި އެކު 5 ލައްކަ އިންޑިއަން ރުޕީސް ލިބުނީ އޭނާއަށް ލިބިފައިވާ ނިދުމުގެ ހުނަރުންނެވެ. ނިދުމުގެ "ޗެންޕިއަން" ތްރިޕަރުނާ އަށް އެ އިނާމު ލިބުނީ ފާއިތުވި އޮގަސްޓު މަހު ގައެވެ.

ގަބޫލުކުރަން ދަތިވިޔަސް މީ ހަމަ ހަގީގަތެކެވެ. އިންޑިއާގެ ކުންފުންޏަކުން ނިދުމުގެ މުބާރާތް ބާއްވާތާ 3 އަހަރުވެއްޖެއެވެ. އެއީ އެކުންފުނީގެ ވަޒީފާގައި ދަސްކުރަންޖެހޭ ކަމެކެވެ. 100 ދުވަހުގެ ނިދުމުގެ މި ޕްރޮގްރާމު ހިންގުމުގެ ބޭނުމަކީ ރަނގަޅަށް ނިދުމުގެ މުހިންމުކަން މީހުންނަށް އަންގައިދީ އެކަމަށް ހޭލުންތެރިކުރުމެވެ.

ޓްރިޕަނާ އެ 5 ލައްކަ ރުޕީސްގެ އިނާމު ހާސިލުކުރީ "ވޭކް ފިޓް އިންޓަންޝިޕް ޕްރޮގްރާމް" ގައި ބައިވެރި ވެގެންނެވެ. 100 ދުވަހަށް ހިންގި އެ ޕްރޮގުރާމުގައި ބައިވެރިވެ ކޮންމެ ދުވަހަކު 9 ގަޑިއިރު އޭނާ ނިދިއެވެ.

އެ ޕްރޮގުރާމުގައި ބަލާ ކަންތައްތަކުގެތެރޭގައި، ނިދަން އޮށޯންނަ ގަޑިއާއި، ނިދާ ތެދުވާ ގަޑިއާއި، ގަދަ ނިދީގައި ނިދުމާއި މަޑުނިދީގައި ނިދުންވެސް ހިމެނެއެވެ.

"ވޭކް ފިޓްގެ" ގެ ނިދުމުގެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެއެވެ. މި މުބާރާތުގެ 2ވަނަ ބުރަށް 1.7 މިލިޔަން މީހުން ކުރިމަތިލާފައި ވެއެވެ.