އދ. އިން ވަނީ 2015 އަހަރު ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކެއް އިއުލާން ކޮށްފައެވެ. އެ ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށް 2017 އިން ފެށިގެން ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފައިސާ ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަނުން ހޭދަ ކުރެއެވެ.
އަދި ބިލް ގޭޓްސްއަކީ އެލަނޑުދަނޑިތައް ޙާސިލުވާ މިންވަރު ވަޒަން ކުރުމަށް މަސައްކަތް ކުރައްވާ ފަރާތެކެވެ.
ބިލް ގޭޓްސް ވިދާޅުވަނީ "ހަތް އަހަރު ތެރޭގައި ދުނިޔެއިން ގާތްގަނޑަކަށް އެއްވެސް ލަނޑުދަނޑިއެއް ކާމިޔާބު ކަމާއެކު ހާސިލް ކޮށްފައެއް ނުވާ" ކަމަށެވެ.
ބިލް އެންޑް މެލިންޑާ ގޭޓްސް އިން ވަނީ އެވާހަކަ ބަޔާން ކޮށް ރިޕޯޓެއްވެސް ނެރެފައެވެ.
އެ ރިޕޯޓުގެ ތައާރަފުގައި ގޭޓްސް ލިޔުއްވަނީ 2015 ވަނަ އަހަރުން ފެށިގެން ދުވާލަކު 1.90 ޑޮލަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހުންގެ ނިސްބަތަކީ މިހާރު 10 އިންސައްތަ ކަމަށެވެ. ކުރިން އެ އަދަދު އުޅުނީ 8 އިންސައްތައިގައެވެ.
ބަނޑަށް ޖެހިފައިވާ މީހުންގެ ތެރޭން އުމުރުން ފަސް އަހަރުގެ ކުދިންގެ ނިސްބަތް އަދިވެސް އުޅެނީ 20 އިންސައްތައިގައެވެ. އަދި އެފްރިކާގައި އިތުރު ވަމުންދާ ހަނަފަސްކަމާ ހެދި އިތުރު ބަޔަކު ބަނޑަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެއެވެ.
ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް އުޅެނީ 2015 ވަނަ އަހަރުގެ ލަނޑުދަނޑިތަކުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ދެގުނައަށް ވުރެން މަތީގައެވެ.
ކުރިން ކޯވިޑްގެ ވަބާއާއި އެއަށްފަހު ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ބޮޑެތި އަސަރުތަކެއް ފަގީރު އާބާދީތަކަށް ކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.
އޭނާ ވިދާޅުވަނީ މިދިޔަ މުއްދަތުގައި ހަގީގީ ކާމިޔާބީއެއް ހޯދާފައި ވަނީ އޭޝިއާގައި ބޮޑެތި އާބާދީތައް އޮތް ގައުމުތަކުން ކަމަށެވެ. އެގޮތުން ޗައިނާއިން ވަނީ ފަގީރުކަން ނައްތާލައި މެދުފަންތީގެ މަތިން އާމްދަނީ ލިބޭ ގައުމަކަށް ވެފައެވެ. އަދި އިންޑިއާ، ބަންގްލަދޭޝް ޕާކިސްތާން އަދި އިންޑޮނޭޝިއާއިން ފަގީރުންގެ އަދަދު މަދުކުރުމުގައި ކާމިޔާބީ ހޯދާފައިވާ ކަމަށް ބުނެއެވެ.