އިނގެރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ވަނައިގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ސޮއިކުރައްވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވިއެވެ.

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު 2 ވަނައިގެ ވެރިކަން ސިފަކުރަށްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައެވެ.

އަދި އިނގެރޭސިވިލާތާއި، ކޮމަންވެލްތުގެ މެންބަރުގައުމުތަކާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެކަމަނާ ޚިދުމަތްކުރަށްވާފައިވަނީ ނުހަނު ސާބިތުކަމާއެކުގައި ކަމުގައިވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރަށް މީގެ 50 އަހަރުކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހީން ހަނދާންކުރަނީ ހިތުގެ ލޯތްބާއި އިޙުތިރާމާއި އެކުގައި ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވާފައިވެއެވެ. އަދި ރާއްޖޭގެ ރައްޔިތުން "ރާނީ' އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ޤަދަރަކުން ކަމުގައިވެސް ބަޔާންކުރައްވާފައި ވެއެވެ. ހަމަ އެހެންމެ އެކަމަނާއަކީ ކޮމަންވެލްތު މެދުވެރިކޮށް ރާއްޖެފަދަ ކުދި ޤައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުޞަތުދެއްވި ބޭކަނބަލެއްކަންވެސް އެބަޔާނުގައި ރައީސުލްޖުމްޔޫރިއްޔާގެ ދެކަނބަލުން ފާހަގަކުރައްވާފައި ވެއެވެ.

އިނގެރޭސި ވިލާތުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު ދެވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި، އަވަހާރަވީ ސެންޕްޓެންބަރު 8 ވީ ބުރާސްފަތި ދުވަހު އެވެ.