އަލްބޭނިއާ އިން އީރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަށްފަހު އަދިވެސް އެގޮތުގައި އޮތްކަމަށް އެގައުމުން ބުނެއެވެ. އަލްބޭނިއާގެ ބޮޑު ވަޒީރު އީދީ ރާމާ ތުހުމަތު ކުރެއްވި ގޮތުގައި އީރާނުން އަލްބޭނިއާއަށް ދިނީ ވަރުގަދަ ސައިބާ ހަމަލާއެކެވެ.

ޓިރާނާ ބުނާ ގޮތުގައި އަލްބޭނިއާގެ މުއައްސަސާތަކަށް ހަމަލާ ދީފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ހަމަލާގައި އަލްބޭނިއާގެ އާންމު ހިދުމަތްތައް ޕެރަލައިޒްކޮށް، ޑިޖިޓަލް ސިސްޓަމްތައް ފޮހެލައި، ދައުލަތުގެ ރެކޯޑްތައް ހެކްކޮށް، ސަރުކާރުގެ އިންޓްރާނެޓް އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ވަގަށް ނަގައި، ގައުމުގައި ހަލަބޮލިކަމާއި ނާމާންކަން އުފެއްދިކަމަށް ރާމާ ވަނީ އީރާނަށް ތުހުމަތުކޮށްފައެވެ.

އީރާނާ ގުޅުން ކަނޑާލުމަށްފަހު ޑިޕްލޮމޭޓުން ޓިރާނާއިން 24 ގަޑި އިރު ތެރޭގައި ބޭރުވާންވެސް އެންގިއެވެ.

ޓިރާނާއިން ތެހެރާނާއެކު ގުޅުން ކަނޑާލީ މިދިޔަ މަހުގައެވެ.

އަލްބޭނިއާއާއި އީރާނާ އެއް އިރެއްގައިވެސް ގުޅުން ރަގަޅެއް ނޫނެވެ. 2013ގައި އަލްބޭނިއާއިން ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރާ، އަދި ކުރީގެ ޝާހަށް ވަފާތެރި މުޖާހިދީނޭ ޚަލްގުގެ މީހުންނަށް ބޯހިޔާވަހިކަން ދީފައެވެ. އަދި އީރާންގެ އަސްކަރީ ލީޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި އެމެރިކާގެ ހަމަލައަށްވެސް ޓިރާނާއިން މަރުޙަބާކިޔެވެ.

އެކަމާ ގުޅިގެން އާޔަތުﷲ އަލީ ޚާމަނާއީ ސިފަ ކުރެއްވީ އަލްބޭނިއާ އަކީ ޔޫރަޕްގައި އޮންނަ ކުޑަ އުދުވާނީ ޝައިތާނީ ދައުލަތެއް ކަމަށެވެ.