ޓޮޓެންހަމްގެ އެއްނަންބަރު ގޯލްކީޕަރު ގުލިއެލްމޯ ވިކާރިއޯގެ ކަނާތު ފަޔަށް ދިމާވި އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ޖެހިލަން ޖެހިއްޖެއެވެ.
އިޓަލީއަށް ނިސްބަތްވާ 28 އަހަރުގެ ވިކާރިއޯ އިންޖަރީވެފައިވަނީ, މި ދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އަތުން 4-0 އިން މޮޅުވި މެޗުގައެވެ. މެޗުގެ މެދުތެރޭގައި ސިޓީގެ ސަވީނިއޯ ކުރި ފައުލަކުން ވިކާރިއޯގެ ކަނާތު ފައިގެ ކުޑަހުޅު ވަނީ ރެނދުލައިފައެވެ.
ފައިގައި ރެނދުލި ކަމުގައިވިއަސް މެޗުގެ ނުވަދިހަ މިނެޓު ހަމަކުރި ވިކާރިއޯ ވަނީ މެޗަށްފަހު ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ކޮށްފައެވެ. ވިކާރިއޯގެ ފައިގެ ކުޑަހުޅުގެ ސާޖަރީ ކާމިޔާބުވި ނަމަވެސް އިންޖަރީގެ ސީރިއަސް ކަމުން, އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ދުވަސްކޮޅެއް ނަގާނެ ކަމަށް ޓޮޓެންހަމުން ވަނީ ހާމަކޮށްފައެވެ.
ވިކާރިއޯ އިންޖަރީވުމާއެކު ދެން ޓޮޓެންހަމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ކަމަށް ލަފާ ކުރެވެނީ 36 އަހަރުގެ ފްރޭޒާ ފޯސްޓާއެވެ. 6 ފޫޓް 7 އިންޗީގެ އިސްކޮޅުން ދިގު ފްރޭޒާ ވަނީ މި ސީޒަނުގައި ކަރަބައޯ ކަޕުގައި އަދި ޔޫރޮޕާ ލީގުގައި ޓޮޓެންހަމަށް ކުޅެދީފައެވެ.