އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާއިން ތަރައްގީކޮށްފައިވާ ކޮވިޑް ވެކްސިން އަޖުމަ ބެލުމުގެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއާގައި ވެކްސިން ދެވުނު މީހަކަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ލިބުނު ރިޕޯޓްތަކާ ގުޅިގެން އިންޑިއާއިން އެކަން ތަހްގީގު ކުރަން ފަށައިފިއެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތް އިންޑިއާގައި ކުރިއަށް ގެންދަނީ، އެސްޓްރަޒެނެކާގެ އިންޑިއާ ޕާޓްނަރ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ.

ވެކްސިންގެ އަޖުމަ ބެލުމުގެގޮތުން އެތައްބަޔަކަށް ދެމުންގެންދާއިރު، ވެކްސިން ދިން އުމުރުން 40 އަހަރުގެ ވޮލަންޓިއަރަކަށް ވެކްސިން ދިނުމުގެ ސަބަބުން ނާރުގެ މައްސަލަތަކާއި، ނަފްސާނީ އެތައް މައްސަލަތަކެއްގެ އަލާމާތްތައް ފެނިގެން އެކަން ރިޕޯޓްކޮށްފައެވެ.

ލޯފާރމެއް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށްފަހު އެމީހާ ގެންދަނީ އޭނާއަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 50 މިލިއަން ރުޕީސް ދިނުމަށާއި، އަދި ވެކްސިންގެ ޓެސްޓުތައް ހުއްޓުވައި ދިނުމަށް އެދިފައެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން މިކަން ތަހްގީގު ކުރަން ފަށާފައި ވާއިރު، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ކުރިއަށްގެންދާ ޓެސްޓުތައް ހުއްޓާލަން އަދި އަންގާފައެއް ނުވެއެވެ.

މިހާތަނަށް ބެލި ބެލުންތަކުން ވެކްސިން ޓެސްޓު ހުއްޓުވަން އަންގަންޖެހޭވަރުގެ ސަބަބެއްވެސް ފެނިފައި ނުވާކަމަށް ބުނެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން އެސްޓްރަޒެނެކާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެކްސިން ދެވުނު ވޮލަންޓިއަރަކަށް މައްސަލަ ދިމާވި ކަމަށް ބުނެ ކޮށްފައިވަނީ ހަގީގަތާ ޚިލާފް ދޮގު ޝަކުވާތަކެއް ކަމަށެވެ.

އެމީހާގެ ކުރިން ހުރި ސިއްހީ މައްސަލަތަކެއް، ވެކްސިންގެ ޓެސްޓުތަކާ ގުޅުވައިގެން އޭނާ ދައްކަމުންގެންދަނީ ދޮގު ވާހަކަތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އޭނާގެ ކިބައިން ފެނުނު ސިއްހީ މައްސަލަތަކކީ ވެކްސިންއާ އެއްވެސް ގުޅުމެއްހުރި ކަންކަމެއް ނޫންކަމަށްވެސް މެޑިކަލް ޓީމުން އެނާއަށް އަންގާފައިވާ ކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ބުނެފައި ވެއެވެ.