ޔުކްރެއިން ހަނގުރާމަ ނިންމަން އިންޑިއާއިން ބާރު އަޅާކަން އެނގޭ ކަމަށާއި ރަޝިޔާއިންވެސް ބޭނުން ވަނީ ވީހާވެސް އަވަހަކަށް އެކަން ނިންމަން ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އިއްޔެ މޮދީއާ ބައްދަލުކުރައްވައި ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ބައްދަލު ކުރެއްވީ އެސްސީއޯ ސަމިޓުގެ ހަވާސާގައެވެ.

ޔުކްރެއިންގެ ލީޑަރޝިޕަށް ފާޑުވިދާޅުވަމުން ޕޫޓިން ވިދާޅުވީ މަޝްވަރާގައި ބައިވެރިވާންވެސް އެވެރިން ބޭނުން ނުވާކަމަށާއި އެމީހުންގެ މަގްސަދުތައް ހާސިލުކުރަން ބޭނުންވާ ކަމަށްވެސް ބުނަމުންދާ ކަމަށެވެ.

މޯދީގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ މިއަދުގެ ޒަމާނަކީ ހަނގުރާމައިގެ ޒަމާނެއް ނޫން ކަމަށެވެ. އަދި އެވާހަކަ އޭނާ ޕޫޓިންއާ ބައްދަލު ކުރައްވާއިރު ހާމަކޮށްފައިވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ ރަޝިޔާއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ އިމްތިޔާޒު ލިބިފައިވާ ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ ސިފައެއްގައި އޮންނަ ގުޅުމެއް ކަމަށާއި އެ ގުޅުން ވަރަށް ހަލުވިކަމާއެކު ތަރައްގީވަމުންދާ ކަމަށެވެ.

ރަޝިޔާއިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނުގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.