މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު މަރުވި މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ޅ. ހިންނަވަރަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އާއިޝަތު ނަޒްރާއެވެ.

އެކްސިޑެންޓްވި އިރު ނަޒްރާ އިނީ ސައިކަލުގެ ފަހަތުގައެވެ. ސައިކަލް ދުއްވަން އިނީ އޭނާގެ ލޯބިވެރިޔާއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ އަމީނީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ތަނުން ސައިކަލް ކޮންޓްރޯލް ނުވެ ރަސްފަންނު ދުވާ ޓްރެކު މައްޗަށް ސައިކަލު އަރައިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިން 24 އަހަރުގެ ދިވެހި ޒުވާނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުުމުގެ ލައިސަންސް ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.