ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާކިސްތާނަށް ފޮނުއްވި މެސެޖެއްގައި ގޮވާލެއްވީ އެސްސީއޯގެ މެމްބަރު ގައުމުތަކުން އެއްގައުމުން އަނެއްގައުމަށް ޓްރާންސިޓް އެކްސެސް ދިނުމަށެވެ.

އެސްސީއޯ ސަމިޓުގައި މޯދީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާގެ އިގްތިސާދު މިއަހަރު 7.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއީ ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރާ އިގްތިސާދު ކަމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 އަށް ފަހު އިގްތިސާދީ ކުރިއެރުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އިރު އެސްސީއޯގެ ދައުރު ވަރަށް މުހިއްމުވެގެން ދާކަމަށް މޮދީ ވިދާޅުވިއެވެ. އެސްސީއޯގެ މެމްބަރު ގައުމުތަކުން ދުނިޔޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 30 ޕަސެންޓް ހިއްސާކުރާއިރު، ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް ވެސް ދިރިއުޅެނީ އެސްސީއޯ ގައުމުތަކުގަ އެވެ. އެސްސީއޯގެ މެމްބަރުންގެ މެދުގައި އެއްބާރުލުން ދިނުމާއި އެއްބަޔަކު އަނެއްބަޔަކަށް އިތުބާރު ކުރުމަށް އިންޑިއާއިން ތާއީދު ކުރާ ކަމަށް މޮދީ ވިދާޅުވިއެވެ.

ޔޫކުރޭނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭންތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިވެ އަދި އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ހަކަތައާއި ކާބޯތަކެތީގެ ދަތިކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޮދީ ވިދާޅުވީ މެމްބަރު ގައުމުތަކުން އެއްބަޔަކު އަނެއް ބަޔަކަށް މުދާ ޓްރާންސިޓް ކުރުމުގެ ފުރިހަމަ ހައްގު ދިނުމަމީ މުހިންމު ކަމެއް ކަމަށެވެ. އިންޑިއާއިން އަފްޣާނިސްތާނަށް މުދާ ފޮނުވަން ބޭނުން ވުމުންވެސް ޕާކިސްތާނުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.