އަލަށް ތައާރަފްކުރި ސެކިއުރިޓީ ގާނޫނާ ދެކޮޅުހެދުމަށް ފަރަންސޭސިވިލާތުގެ ހުރިހާ ހިސާބެއްގެ މަގުތަކަށް ނުކުމެ އާންމުން ފެށި މުޒާހަރާތައް ވަރުގަދަވެ، އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު ގެރަލްޑް ޑާރމަނިން ވިދާޅުވީ، މުޒާހަރާތަކާ ގުޅިގެން ފަރަންސޭސިވިލާތުގެ އެކި ހިސާބުތަކުން 62 ފުލުހަކު ޒަޚަމްވެފައިވާ ކަމަށެވެ.

މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން މިހާތަނަށްވަނީ 81 މީހަކު ހައްޔަރު ކޮށްފައެވެ.

ދާޚިލީ ވަޒީރު ގެރަލްޑް ޑާރމަނިން ވަނީ، ސަލާމަތީ ބާރުތަކާ ދެކޮޅަށް މުޒާހަރާގެ ބައިވެރިން ހިންގި އަނިޔާވެރި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވީ، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިޑީއާއިން ބުނެފައިވަނީ، މުޒާހަރާގެ ބައިވެރިންނާއި، ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ފެށުނީ، ޕެރިހުގެ މަޝްހޫރު މައިދާންތަކުގައި މުޒާހަރާ ކުރަމުންދިޔަ މީހުން ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ޖަހައި އަދި ޕްރެޝަރުގައި ފެންޖަހަން ފެށުމުން ކަމަށެވެ.

މައްސަލަ ޖެހިގެންއުޅޭ ގާނޫނަކީ ފަރަންސޭސި ސަރުކާރުން ތައާރަފްކުރި ގާނޫނެކެވެ. މި ގާނޫނުގެ ބިލް ފަރަންސޭސި ޕާލަމެންޓުގެ ދަށުގެއިން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. މި ގާނޫނު މިހާރުއޮތީ އެޕްރޫވް ކުރުމަށް ސެނޭޓަށް ހުށަހަޅާފައެވެ.

މި ގާނޫނުގައި، ޑިއުޓީގައި ތިބޭ ފުލުހުންގެ ފޮޓޯއާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާންމު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައި ވެއެވެ.

ނަމަވެސް، މުޒާހަރާކުރާ މީހުން ބުނަމުންދަނީ މިކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށެވެ.

ސަލާމަތީ ބާރުތަކުން އާންމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ފޮޓޯނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއަރކުރުން މަނާކުރުމުން ސަލާމަތީ ބާރުތަކުން ކޮންމެފަދަ ޖަރީމާއެއް ހިންގިޔަސް އެކަން އެނގޭނޭގޮތެއް ނޯންނާނެ ކަމަށް އެމީހުން ބުނެއެވެ.

ގާނޫނުގައި ކަނޑައަޅާފައިވަނީ، ފުލުހުންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއަރކުރާ ފަރާތްތައް އެއް އަހަރަށް ޖަލަށްލުމާއި، ގާތްގަނޑަކަށް 45،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމެވެ.

މި ގާނޫނާ ދެކޮޅަށް ފަރަންސޭސި އެކި ރަށްތަކުގެ މަގުތަކަށް މީހުން ނުކުމެ ދެކޮޅުވެރިކަން ފާޅުކުރަމުން ގެންދާއިރު، ޕެރިހުގައި ކުރަމުންދާ މުޒާހަރާތަކުގައި މުޒާހަރާ މީހުން ފުލުހުންގެ ގައިގައި ތަޅައި އަނިޔާކުރާ މަންޒަރުތަކުގެ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ލާފައި ވެއެވެ.

ފުލުހުން އާދިޔާ ޚިލާފް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގެ އެތައް ބައިވެރިޔަކަށްވެސް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.

ފަރަންސޭސި މީޑިއާ ގްރޫޕްތަކުން ބުނެފައިވަނީ، އަލަށް ތައާރަފްކުރި ގާނޫނުގެ ސަބަބުން ފުލުހުން ހިންގާ އޮޕަރޭޝަނެއްގެ ފޮޓޯއެއް އަދި ވީޑިއޯއެއްވެސް ނޫސްވެރިންނަށްވެސް ނުގެނޭނެ ކަމަށާއި، އެހެންކަމުން، މިއީ ނޫސްވެރިކަމަށްވެސް އޮތް ހުރަހެއް ކަމަށެވެ.