ޗައިނާގެ ސެމީކޮންޑަކްޓަރ އިންވެސްޓްމަންޓް ފަންޑުގެ ޖެނެރަލް ޕާޓްނަރަކަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ތަހުގީގު ފަށައިފިއެވެ.
ޗައިނާގެ މީޑިއާ ހަވާލާދީ ނިކޭ އޭޝިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސައިނޯ އައިސީ ކެޕިޓަލް ލިމިޓެޑްގެ ނައިބު ރައީސް ރެން ކައި ހައްޔަރުކޮށްފައެވެ.
ސައިނޯ އައިސީ އަކީ ޗައިނާ ސަރުކާރުގެ ދަށުގައި އޮންނަ ސެމީކޮންޑަކްޓަރ އިންވެސްޓްމަންޓް ފަންޑެކެވެ. މިއީ ބިގް ފަންޑްގެ ނަމުން މަޝްހޫރު ޗައިނާ އިންޓެގްރޭޓެޑް ސާކިއުޓް އިންޑަސްޓްރީ އިންވެސްޓްމަންޓް ފަންޑުބަލަހައްޓާ އަދި ޗިޕް އުފެއްދުމުގެ ދާއިރާއިން އެގައުމު އަމިއްލަ ފައިމައްޗަށް ތެދުވެނެ ގޮތް ހެދުމަށް ކުރާ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ފަރާތެކެވެ.
ނިކޭ އޭޝިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުލައި މަހުން ފެށިގެން ފަންޑާއި އެ ފަންޑުގެ މެނޭޖްމަންޓްގެ މިހާރުގެ އަދި ކުރީގެ ހަތް އެގްޒެކެޓިވުންނާއި އަދި އެ ފަންޑުން އިންވެސްޓްކުރި ކުންފުނިތަކުގެ އިތުރު ބައެއް މީހުންނާ ދެކޮޅަށް ސަރުކާރުން ވަނީ ތަހުގީގު ފަށާފައެވެ.
އުމުރުން ފަންސާސް އަހަރުގެ ރެން ޗައިނާ ޑިވެލޮޕްމަންޓް ބޭންކުގައި 19 އަހަރު މަސައްކަތް ކޮށްފައި ވެއެވެ. އޭނާ ވަނީ އިކުއިޕްމަންޓް އަދި އިލެކްޓްރޯނިކްސް ޕްރޮޖެކްޓްތަކަށް ލޯނުތަކާއި އިންވެސްޓްމަންޓްތަކުގެ ކަންކަން ބަލަހައްޓާފައެވެ.